އިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ޖުމުލަ 206 މަޝްރޫޢެއް ތަފާތު އަމިއްލަ 53 ކުންފުންޏަކާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުތަކާއެކު އިމާރާތްކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މި ރަސްމިއްޔާތުގައި ޖުމުލަ 9 ދާއިރާއަކުން މަޝްރޫޢުތައް ހަވާލުކޮށްފައިވެއެވެ. އެގޮތުން،
- ތަޢުލީމީ ދާއިރާއިން 31 މަޝްރޫޢު،
- ޞިއްޙީ ދާއިރާއިން 30 މަޝްރޫޢު،
- ދާޚިލީ ދާއިރާއިން 39 މަޝްރޫޢު
- ތިމާވެށީގެ ދާއިރާއިން 24 މަޝްރޫޢު،
- މަސްވެރިކަމުގެ ދާއިރާއިން 2 މަޝްރޫޢު،
- ކުޅިވަރުގެ ދާއިރާއިން 52 މަޝްރޫޢު،
- ގެދޮރުވެރިކަމާއި ބިނާވެށީގެ ދާއިރާއިން 13 މަޝްރޫޢު،
- ދީނީ ދާއިރާއިން 14 މަޝްރޫޢު
- ޒުވާނުންގެ ދާއިރާއިން 1 މަޝްރޫޢު
މަޝްރޫޢުތައް ޕްރައިވެޓް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިދިޔަ ދެ ދުވަހު ސޮއިކުރި މަޝްރޫޢުތަކާއެކު ޖުމުލަ 216 މަޝްރޫޢު ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މިއަދަކީ ސަރުކާރަކުން އެންމެ ގިނަ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާ ހަވާލުކުރި ދުވަސްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މިއަދު ހަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި 13 ރަށެއްގައި 825 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
އަމިއްލަ ކުންފުނިތަކަށް ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހަވާލުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

