ދިވެހިރާއްޖޭގެ ތަރައްގީއަށް މުހިންމު 206 މަޝްރޫއެއް މިއަދު ދިވެހި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށް ރެކޯޑެއް ގާއިމް ކޮށްފައިވާއިރު، މި މަޝްރޫއުތަކުގެ މަސައްކަތުގެ އުޖޫރައަށް ވާ ފައިސާ ދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި އަމަލީ މަސައްކަތް މިއަދުން ފެށިގެން 21 ވަރަކަށް ދުވަހުގެ ތެރޭގައި ފަށަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި، 123 ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މި 206 މަޝްރޫއު ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުގެ ދަށުން 53 ދިވެހި ކުންފުޏަކާ ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުޅާވެ، ހާއްސަކޮށް އިމާރާތްކުރުމުގެ ދާއިރާއަށް ދިރުން ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މަސައްކަތްތައް ބަރާބަރަށް އެގްރީމަންޓުގައިވާ ގޮތަށް ކުރަމުންދާނެ ކަމަށާއި، ފައިސާ ދޫކުރުމުގައި އާންމުކޮށް ސަރުކާރުގެ ތެރެއިން ދިމާވާ ލަސްވުންތައް މިފަހަރު ދިމާނުވާނެ ކަމަށެވެ. އެމަނިކުފާނު ޔަގީންކަން ދެއްވީ، މަސައްކަތް ކުރާ މިންވަރަކުން ބޭންކު މެދުވެރިކޮށް، ވަރަށް ހަލުވި ދުވެލީގައި އަދި އެފިޝަންޓުކޮށް ފައިސާ ދޫކުރަމުންދާނެ ކަމަށެވެ. މި މަޝްރޫއުތައް ހިންގުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުތައް ހަވާލުކުރެވިފައިވަނީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު، މާލިއްޔަތު ގާނޫނުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، މަސައްކަތް ހަވާލުކުރެވުނު ހުރިހާ ކުންފުނިތަކަކީ ވެސް އެ ކުންފުނިތަކުގެ ތިން އަހަރުގެ “އޮޑިޓެޑް ފައިނޭންޝަލް ސްޓޭޓްމަންޓް” ބޭންކަށް ހުށަހަޅާފައިވާ، އަދި ބޭންކުން ބޭނުންވާ ހުރިހާ އިޖުރާތްތަކެއް ފުރިހަމަ ކޮށްފައިވާ ކުންފުނިތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަމުން ދައްކުވައިދެނީ މި މަސައްކަތްތައް ހަވާލުކުރެވިފައި ވަނީ ހިންގުން ރަނގަޅު، ގާބިލު ކުންފުނިތަކަކާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ މި މަޝްރޫއުތައް ވަރަށް އަވަހަށް ފެށި، ހަލުވިކަމާއެކު ކުރިއަށްގެންދެވި، ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

