ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ، ކޮންމެ ފަރާތަކަށްވެސް ލޯނު ދޫކުރާނީ އެ ބޭންކުގެ ހަރުދަނާ އުސޫލުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށް ހާމަކޮށްފިއެވެ. މިހެން ބީއެމްއެލްއިން ބުނީ، ސަރުކާރުން ބައެއް އަމިއްލަ ކުންފުނިތަކާ އެކު ސޮއިކުރި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ބޭންކުގެ ބޯޑުގެ ހުއްދައާއި ނުލައި އަދި ލޯނުދިނުމުގެ އުސޫލާ ޚިލާފަށް ފައިސާ ދޫކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
ބީއެމްއެލްއިން ނެރުނު ނޫސްބަޔާނެއްގައި ފާހަގަކޮށްފައިވަނީ، އެ ބޭންކުގެ ބޯޑާއި މެނޭޖްމަންޓުން މަސައްކަތްކުރަނީ ފުރިހަމަ ޕްރޫޑެންސާއި މިނިވަންކަމާއެކު ކަމަށެވެ. މިއީ ބޭންކުން ހިފަހައްޓަމުންދާ ކޯޕަރޭޓް ގަވަރނަންސާއި ބައިނަލްއަގުވާމީ މިންގަނޑުތަކުން ހާމަވާ ކަމެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބޭންކުން ހިފަހައްޓަނީ ބައިނަލްއަގުވާމީ ބޭންކިންގ ދާއިރާގެ އެންމެ ހަރުދަނާ މިންގަނޑުތައް ކަމަށާއި، ބޭންކުގެ އޮނިގަނޑުތައް ގާއިމުކުރެވިފައިވަނީ ރާއްޖޭގެ ބޭންކިންގ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށްވެސް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅުއްވާފައިވާ ޕްރޫޑެންޝަލް ރެގިއުލޭޝަންތަކާއި ސްޓޭންޑަރޑްތަކުގެ އިތުރުން ބާސެލް III އަދި IFRS 9 ފަދަ ބައިނަލްއަގުވާމީ ހަރުދަނާ ސްޓޭންޑަރޑްތައް ބީއެމްއެލްއިން ހިފަހައްޓަމުން އަންނަކަން އެބޭންކުން ފާހަގަކުރިއެވެ. ބައިނަލްއަގުވާމީ އޮޑިޓް ފަރމްތަކުން ގަވާއިދުން ބޭންކު އޮޑިޓްކުރަމުން އަންނަ ކަމަށާއި، މިނިވަން އޮޑިޓްތަކުން ބޭންކުގެ ހިންގުމުގެ ހަރުދަނާކަން ކަށަވަރުކުރެވޭ ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކު ހިންގަމުންދަނީ ބޭންކުގެ ބޯޑުން ފާސްކުރާ ސްޓްރެޓެޖީގެ މައްޗަށާއި، ހިންގުމުގެ އެކި ދާއިރާތަކަށް ބޯޑުން ކަނޑައަޅާ ޕޮލިސީތަކާ އެއްގޮތަށް، ބޯޑުން ނިންމަވާ ނިންމެވުމާއި ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އެގޮތުން، ބޭންކުން ދޫކުރާ ލޯނުތަކަކީ ބޭންކުގެ ކްރެޑިޓް ޕޮލިސީތަކާ އެއްގޮތަށް އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ގަވާއިދުތަކާ އުސޫލުތަކާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށްވެސް ބީއެމްއެލްއިން ވިދާޅުވެއެވެ. ލޯނު ދެއްކުމުގެ ގާބިލުކަން ހުރި ނެތް މިންވަރާއި، ސިންގަލް ބޮރޯވަރ އެކްސްޕޯޝަރ އަދި ގްރޫޕް ބޮރޯވާ އެކްސްޕޯޝަރއަށްވެސް ބަލާނެ ކަމަށް އެބޭންކުން ފާހަގަކުރިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ލޯނު ދިނުމުގެ ކުރިން އެ ލޯން އަނބުރާ ދެއްކުމުގެ ގާބިލުކަން ލޯނު ނަގާ ފަރާތަށް ލިބިގެންވަނީ ކިހާވަރަކަށްތޯ ވެސް ބޭންކުން އަބަދުވެސް ބަލާނެ ކަމަށެވެ. އަދި ލޯނު ދޭނީ އަންޑަރ ރައިޓިން އުސޫލާ އެއްގޮތަށް ކަމަށާއި، މިއީ ކޮންމެ ހާލަތެއްގައިވެސް ބޭންކުން ލޯނު ދޫކުރާނެ އުސޫލު ކަމަށް ބީއެމްއެލްއިން ފާހަގަކުރައްވައެވެ. ސަރުކާރުގެ ޕްރޮޖެކްޓްތައް ލިބުނު ކުންފުނިތަކަކީ ބޭންކުގެ ކަސްޓަމަރުން ކަމަށްވާނަމަ، ބޭންކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ލޯނަށް އެދެމުގެ ފުރުސަތު އޮންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި ވިޔަފާރީގެ އުސޫލުން މި ލޯނުތައް ދޫކުރުމުގައި ވެސް ކްރެޑިޓް ޕޮލިސީތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކަންކަމަށް ބަލާނެ ކަމަށްވެސް ބޭންކުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އެކި ދާއިރާތަކަށް ލޯނު ދޫކުރެވޭނެ މިންގަޑުތައްވެސް ބޭންކުގެ ބޯޑުން ވަނީ ކަނޑައަޅުއްވާފައެވެ. އޭގެތެރޭގައި ސީދާ ސަރުކާރުގެ ކަންކަމަށް ބޭންކުން އިންވެސްޓްކުރެވޭނެ މިންވަރާއި، ސަރުކާރުން ގެރަންޓީ ދީގެން އެކި ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރުން ލިބެންޖެހޭ ރިސީވަބަލްގެ މައްޗަށް ބިނާކޮށް އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރެވޭނެ މިންވަރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ދޫކުރެވޭނެ މިންވަރު ހިމެނެއެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރ ނިމުނުއިރު ބޭންކުގެ ޖުމްލަ ލޯން ޕޯޓްޕޯލިއޯ ވަނީ 23.7 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި މި އަހަރުތެރޭ އަލަށް 6.5 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

