ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ، އަދި “ހީ-މޭން” ގެ ނަމުން މަޝްހޫރުވެފައިވާ ލެޖެންޑަރީ އެކްޓަރު ދަރްމެންދްރަ ކެވާލް ކްރިޝަން ޑިއޯލް، 89 އަހަރުގައި މަރުވެއްޖެއެވެ. ދަރްމެންދުރާ ނުވަތަ ދަރޭ މަރުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަތަަކަކަށް ފަރުވާދެމުން ދަނިކޮށެވެ.
ދަރްމެންދްރަ ނޭވާލާން އުނދަގޫވުމުގެ ސަބަބުން އިއްޔެ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލަށް އެޑްމިޓްކުރެވުނު ކަމަށް ވެއެވެ. އޭނާ ނިޔާވީ މިއަދު ދުވަހު، އޭނާގެ ސިއްހީ ހާލަތު އިތުރަށް ގޯސްވެގެންނެވެ.
ދަރްމެންދްރަ އަކީ ހިންދީ ސިނަމާގެ ތާރީހުގައި ހިޓް ފިލްމުތަކެއްގައި އެންމެ ގިނައިން ހަރަކާތްތެރިވެފައިވާ އެކްޓަރުގެ ރެކޯޑް ވެސް ހޯދާފައިވާ ބޭފުޅެކެވެ. ފަސްދޮޅަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި 300އަށްވުރެ ގިނަ ފިލްމުތަކުގައި އޭނާ ހަރަކާތްތެރިވެފައިވެއެވެ.
ކާމިޔާބު ފިލްމީ ދިރިއުޅުން:
1958 ވަނަ އަހަރު ފިލްމްފެއަރގެ ގައުމީ ހުނަރުވެރިން ހޯދުމުގެ ޕްރޮގްރާމަކުން ފުރަތަމަ ފަހަރަށް ފިލްމީ ދާއިރާއަށް ނުކުތް ދަރްމެންދްރަ، މުމްބާއީއަށް ބަދަލުވެ ބޮލީވުޑްގައި ކާމިޔާބު ކެރިއަރެއް ފެށިއެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 1960 ވަނަ އަހަރު ނެރުނު “ދިލް ބީ ތޭރާ ހަމް ބީ ތޭރާ” އެވެ. އެއަށްފަހު “އައީ މިލަން ކީ ބޭލާ”، “ހަގީގަތް”، “އަންޕަޅް”، އަދި “ބަންދިނީ” ފަދަ ނޫސްވެރިންގެ ތައުރީފު ލިބުނު ފިލްމުތަކެއް ކުޅުނެވެ. 1965 ވަނަ އަހަރު ނެރުނު “ފޫލް އައުރު ޕައްތަރ” އިން އޭނާއަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނެވެ.
1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކާ ހަމައަށް ދަރްމެންދްރަ ވަނީ “އަންކޭން”، “ސީތާ އައުރު ގީތާ”، “މޭރާ ގާވް މޭރާ ދޭޝް”، “ޝޯލޭ”، “ޔާދޯން ކީ ބާރާތު”، “ޕްރަތިގްޔާ”، “ދަރަމް ވީރު”، “ޗަޗާ ބަތީޖާ”، އަދި “ހުކޫމަތު” ފަދަ އެތައް ބްލޮކްބަސްޓަރ ފިލްމުތަކެއް ދައްކާފައެވެ. “ސަތިޔަކަމް”، “ސަމާދީ”، “ޗުޕްކޭ ޗުޕްކޭ”، “ރޭޝަމް ކީ ޑޯރް” އަދި “ދަ ބާނިންގް ޓްރެއިން” ފަދަ ފިލްމުތަކުން ވެސް އޭނާވަނީ ބެލުންތެރިންގެ ހިތްތަކުގައި ލޯބި ޖައްސާފައެވެ.
ފިލްމީ ދިރިއުޅުމުގެ ފަހު ތިން ދިހަވަރަކަށް އަހަރު ތެރޭގައި ދަރްމެންދްރަ ވަނީ “ލައިފް އިން އަ މެޓްރޯ”، “ޖޮނީ ގައްދާރު”، “ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ”، “ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ”، އަދި “ތޭރީ ބާތޯން މޭ އައިސާ އުލްޖާ ޖިޔާ” ފަދަ އެވޯޑް ލިބިފައިވާ އަދި މަޝްހޫރު ފިލްމުތަކުގައި ކެރެކްޓަރ ރޯލުތަކުން ފެނިފައެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 25 ގައި ކްރިސްމަސް ދުވަހާ ދިމާކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ވޯރ ޑްރާމާ “އިއްކީސް” އެވެ.
އަމިއްލަ ދިރިއުޅުމާއި ސިޔާސީ ހަޔާތް:
ދަރްމެންދްރަ ދެ ކައިވެންޏެއް ކޮށްފައިވެއެވެ. އޭނާގެ ފުރަތަމަ އަނތްބަކީ 1954 ވަނަ އަހަރު ކައިވެނި ކުރި ޕްރަކާޝް ކައުރު އެވެ. އެ ކައިވެންޏަށް ދެ ފިރިހެން ދަރިއަކާއި ދެ އަންހެން ދަރިން ލިބިފައިވެއެވެ. އެއީ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލްގެ އިތުރުން އަޖީތާ ޑިއޯލް އާއި ވިޖޭތާ ޑިއޯލް އެވެ. 1980 ވަނަ އަހަރު ދަރްމެންދްރަ، އެކްޓްރެސް ހޭމާ މާލިނީއާ ކައިވެނި ކުރިއެވެ. ހޭމާ އާއި ދަރްމެންދްރަގެ ދެ އަންހެންދަރިންނަކީ އީޝާ ޑިއޯލް އާއި އަހާނާ ޑިއޯލް އެވެ. އީޝާ އަކީވެސް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ބަތަލާއެކެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވުމުގެ އިތުރުން ދަރްމެންދްރަ އަކީ ފިލްމު ޕްރޮޑިއުސަރެއްގެ އިތުރުން ސިޔާސީ ބޭފުޅެއް ވެސް މެއެވެ. އޭނާ 2004 ވަނަ އަހަރުން 2009 ވަނަ އަހަރާ ހަމައަށް ބިކަނޭރު ދާއިރާގެ ޕާލިމެންޓް މެމްބަރުގެ ގޮތުގައި މަސައްކަތް ކުރައްވާފައިވެއެވެ.
ނިކަމެތިކަމާއި އެތެރޭގެ ހައިބަތު ދައްކުވައިދޭ ޝަޚުޞިއްޔަތެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ދަރްމެންދްރަ އަކީ އިންޑިއާ ސިނަމާގެ ތެރޭގައި އެންމެ އިހުތިރާމް ލިބިގެންވާ އެއް ފަރާތެވެ. އަމިއްލަ ދިރިއުޅުމުގައި ބައެއް މައްސަލަތައް ދިމާވެފައިވީ ނަމަވެސް، ފިލްމީ ދާއިރާގައި އޭނާ ދޫކޮށްފައިވާ އަސަރާއި، ބޮލީވުޑްގެ ލެޖެންޑަރީ ތަރިއެއްގެ ގޮތުގައި އޭނާގެ ދެމިގެންދާނެ ނަމަކީ ގިނަ ޖީލުތަކެއްގެ ފަންނާނުންނާއި ފަންނުވެރިންނަށް އިލްހާމެއް ލިބޭނެ ކަމެކެވެ.

