މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގާ ސޮއިކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އެންޑް އާރޓްސް އިބްރާހިމް ވަހީދުއެވެ. އަދި ނެޝަނަލް ޔުނިވަރސިޓީގެ ފަރާތުން މި ފަހުނާމާގާ ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ އާއިޝަތު ޝެހެނާޒު އާދަމް އެވެ.
މި ފަހުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވަރސިޓީގެ މަސައްކަތްތަކަށް އައު ހަލުވި ކަމެއް ލިބި ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެއެވެ. މި ފަހުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ހިދުމަތްތަކުގެ ތެރޭގައި މިނިސްޓްރީން ހިންގާ ޓްރެއިނިން ޕްރޮގްރާމްތަކުގައި ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އަދި ކޮލެޖު އޮފް ޓްރެއިނިން ސެޝަން ހިންގުމަށާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ނެގުމަށް އެހީތެރިވެދިނުން ވެސް ހިމެނެއެވެ.
އަދި ހަމައެހެންމެ މިނިސްޓްރީން ފޯރުކޮށްދޭނެ އެހީތެރިކަމުގެ ތެރޭގައި ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި މީޑިއާ އާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ. އެހެންކަމުން މިއަދު ސޮއިކުރެވުނު ފަހުމުނާމާ އަކީ ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެކެވެ.
މި ފަހުނާމާގެ ދަށުން ދެފަރާތަށްވެސް ފައިދާ ހުރި ދެމެހެއްޓެނިވި އަދި ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެއެވެ.

