ށ. ބިލެތްފަހީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ %86 މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ދޯނި އެއްގަމަށް އަރުވާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ބިލެތްފަހީގެ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގައި 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން 98 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1,150 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ މަސައްކަތުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 28.42 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ނިމުމާއެކު ރަށަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ހައްލުތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް ތަރައްގީގެ މަޝްރޫއެއް ކާމިޔާބު ކަމާއެކު ހިންގަމުންނެވެ.

