ލ. އަތޮޅު ވެރިރަށް ފޮނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން، އެ ރަށުގައި ފަތާ ސަރަހައްދެއް ހަދައިފިއެވެ. މިއީ، ފޮނަދޫ ކައުންސިލުގެ އެދުމުގެ މަތިން ހެދުނު ފަތާ ސަރަޙައްދެކެވެ. 30،000 އަކަފޫޓްގެ މި ސަރަޙައްދުގެ މަސައްކަތް އެ ޔުނިޓުންކޮށްފައި ވަނީ ފޮނަދޫ ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.
ފޮނަދޫ ޕަބްލިކް ވަރކްސް ޔުނިޓުން މަޢުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތަށް 6 މަސް ދުވަސް ހޭދަވެފައިވެއެވެ. ޕަބްލިކް ވާރކްސް ޔުނިޓުތަކަކީ ރައްޔިތުންނަށް ބޭނުންވާ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަޤްސަދުގައި އުފައްދާފައިވާ ޔުނިޓްތަކެކެވެ.
މިފަދަ 7 ޔުނިޓެއް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރު ވެސް އަންނަނީ ޙިދުމަތްދެމުންނެވެ. އާންމު ޚިދުމަތް ނުފެށި ހުރި އަތޮޅުތަކުގައި ޚިދުމަތް ފެށުމަށް ޓަކައި އިތުރު 19 ޔުނިޓާއި، މޯބައިލް 2 ޔުނިޓް އުފެއްދުމުގެ މަސައްކަތް މި މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ.
ޕަބްލިކް ވަރކްސް ޔުނިޓްތައް ނެތް އަތޮޅުތަކުގައި މި ފަދަ ޔުނިތައް އުފައްދާ ރައްޔިތުންނަށް ބޭނުންވާ އާންމު ޚިދުމަތްތައް ފޯރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ މަސައްކަތެކެވެ

