ބޮޑެތި ރެއިޑް އޮޕަރޭޝަންތަކުގަ ޗެކް ކުރެވުނު ބިދޭސީންގެ ތެރޭން 85 އިންސައްތަ ބިދޭސީން ތިބީ ޤަވާއިދާ އެއްގޮތަށް ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަސީޙް ވިދާޅުވެއްޖެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މިފަދައިން ވިދާޅުވީ “މޯލްޑިވްސް 2.0” މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސީޙް ވިދާޅުވީ ދިވެހިރާއްޖޭގަ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން ފެއްޓެވި އިހުލާސްތެރި މަސައްކަތްތަކުގެ ފޮނި ނަތީޖާ މިއަދު މިވަނީ ފެންނަން ފަށާފައި ކަމަށެވެ.
އެގޮތުން މި މަސައްކަތްތައް އެންމެ ފުރަތަމަ ފެށިގެން އައިއިރު ރެއިޑް އޮޕަރޭޝަންތަކުގަ ޗެކްކުރެވުނު ގިނަ ޢަދަދެއްގެ ބިދޭސީން ތިބީ ދަޢުލަތަށް ދައްކަންޖެހޭ ވާރކް ޕާރމިޓް ފީ ނުދައްކާކަން ފާހަގަކުރައްވާ ސީޖީ ވަނީ ވާރކް ވިސާ ނެތި، މަސައްކަތްކުރުމަށް ހުއްދަ ދޫކޮށްފަވާ ސައިޓް ނޫން އެހެން ސައިޓްތަކުގަ ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެނު ކަމަށެވެ.
ނަމަވެސް މިއަދު އެމަންޒަރު ބަދަލުވާން ފަށާފައިވާ ކަމަށާއި މިފަހުން ކުރިއަށް ގެންދެވުނު ބޮޑެތި ރެއިޑް އޮޕަރޭޝަންތަކުގަ ޗެކް ކުރެވުނު ބިދޭސީންގެ ތެރޭން 85 އިންސައްތަ ބިދޭސީން ތިބީ ޤަވާއިދާ އެއްގޮތަށް ކަމަށް ސީޖީ ވިދާޅުވިއެވެ.
ދަޢުލަތަށް ދައްކަންޖެހޭ ވާރކް ޕާރމިޓް ފީ ދައްކާ، ވާރކް ވިސާ ލިބިގެން. މީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ ބުރަ މަސައްކަތުގެ ނަތީޖާ. ދިވެހި ޕާސްޕޯޓްގެ ޚިދުމަތް، މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް މަނިކުފާނު އިޢުލާންކުރެއްވި ހާއްސަ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅަކުން ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފަ. މި މަޝްރޫޢުގެ ދަށުން 31 ރަށެއްގަ ދިވެހި ޕާސްޕޯޓް ކަލެކްޝަން އޮފީސް ވަނީ ގާއިމުކުރެވިފަ. މިއާއެކު ދިވެހި ޕާސްޕޯޓް ހެއްދުމުގަ އަތޮޅުތެރޭގަ ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުން ދިޔަ ތަކްލީފުތަކަށް ބޮޑެތި ލުއިތަކެއް ލިބިފަވާކަން އުފަލާއެކު ފާހަގަކުރަން. ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މިހާރު ވަނީ ފަށާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި “ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް” އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އިމިގްރޭޝަނުން ވަނީ ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށް ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 14 މީހަކު ދާދި ފަހުން އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް ‘އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތްތަކުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުމެވެ.

