ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވަނީ، އަންނަ އަހަރުން ފެށިގެން ޙައްޖު މޫސުމުގައި އެންމެހައި ޙައްޖުވެރިންގެ ހަދްޔު ކަތިލުމާއި، އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސީދާ އެޤައުމުގެ ޙައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށެވެ. މި ބަދަލާއެކު، ޙައްޖުގެ އަޅުކަންތައް ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރުކޮށް، ކޮރަޕްޝަންގެ އަމަލުތަކަށް ޖާގަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށް ވަނީ ހާމަކުރައްވާފައެވެ.
މިކަމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، ޙައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމަށް ފައިސާ ދައްކަން ޖެހެނީވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެޤައުމެއްގެ ޙައްޖު މިޝަން މެދުވެރިކޮށް ސީދާ ޙައްޖު މިނިސްޓްރީއަށެވެ.
ކުރިން މިކަން ކުރަމުން ދިޔައީ، ޙައްޖު ޖަމާޢަތްތަކުން ސަޢުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށެވެ. ނަމަވެސް މިހާރު މި ގެނައި ބަދަލާއެކު، ސީދާ ޙައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި، ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުން އެކަން ކުރިއަށް ގެންދާނެއެވެ. ކަތިލުމަށްފަހު ފަޤީރުންނަށް މަސް ބެހުމުގެ ކަންތައްތައްވެސް ކުރިޔަށް ގެންދާނީ އެ ކޮމިޝަނުންނެވެ. އަދި އެޤައުމެއްގެ ޙައްޖުވެރިންގެ ހަދުޔާއި، އުޟްޙިޔާ ކަތިލުމުގެ ވީޑިއޯވެސް މިޝަނުން ބޭނުންނަމަ ޙިއްސާކުރާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ޙައްޖު މިޝަނުން ބޭނުންނަމަ ޙައްޖުވެރިން ކާން ބޭނުން ކުރުމަށް މަސް ފޯރުކޮށްދޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސަޢުދީ ޙައްޖު މިނިސްޓްރީން އިއްޔެ ވަނީ، މިކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެކި ޤައުމުތަކުގެ ޙައްޖު މިޝަންތަކުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއާއި ޙައްޖު ކޯޕަރޭޝަނުން ބައިވެރިވިއެވެ. ރާއްޖޭގެ ޙައްޖު މިޝަނުންވަނީ، މިކަމަށް މަރުހަބާ ކިޔައި، މި ބަދަލަކީ ވަރަށް ރަނގަޅު އަދި ފައިދާހުރި ބަދަލެއް ކަމުގައި ހާމަކޮށްފައެވެ.

