ދިވެހި 19 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް (ބީއެމްޓީ) ހެދުމަށް ފަހު ރިކަވަރީގައި ތިބިއިރު، އިތުރު 10 ކުއްޖަކު ބޯންމެރޯ ހަދަން ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ރޭ ވިދާޅުވެއްޖެއެވެ. ހީނާ މިކަން ހާމަކުރެއްވީ ޕީއެންސީން އާޓިފިޝަލް ބީޗުގައި ބޭއްވި ‘ދިވެހިންގެ ރާއްޖެ’ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތެލެސީމިއާ ކުދިންގެ ފަރުވާގެ ކަންކަން ފުޅާކޮށް، ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް މި ސަރުކާރުން އެންމެ އިސްކަމެއް ދީފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެއީ މީގެ ކުރިން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ދާއިރާއެއް ކަމަށާއި، ތެލެސީމިއާ ކުދިން ތަހައްމަލުކުރާ ކަންކަމަކީ އަސަރުގަދަ ވާހަކަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވީ، “މިއަދު މާތްﷲ ގެ ހެޔޮ ރަހްމަތުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު އެ ތިބީ ރިކަވަރީގައި، އަދި 10 ކުއްޖަކު އެ ތިބީ ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި” ކަމަށެވެ. ބޯންމެރޯ ޓްރާންސްޕްލާންޓްގެ ވާހަކަ އަބަދުވެސް ދެކެވޭ ކަމަށް ވިޔަސް، މި ސަރުކާރުން ފޮނުވި ފުރަތަމަ ބެޗްގައި 18 އަހަރުން މަތީގެ ގިނަ ކުދިން ހިމެނުމުން ހާމަވަނީ، އެ އުމުރުފުރައާ ހަމައަށް ދިޔައިރުވެސް އެ ފަރުވާ ދޭނެ ރަނގަޅު ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން އެކުދިންނަށް ދިމާވި ގޮންޖެހުންތަކެއް ކަމަށެވެ.
އަދި އުމުރުން މަތިވާ ވަރަކަށް ބީއެމްޓީއަކީ ރިސްކު ބޮޑު ކަމެއް ކަމުގައި ހީނާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އެ ކުދިންގެ އަޑު އައްސަވައި، އެކަންކަމަށް އެޑްރެސް ކޮށްދެއްވުމުގެ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލެސީމިއާ ކޮންމެ ކުއްޖަކަށް 2،000ރ. ގެ އެލަވެންސެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މާލޭގައި ހުރި ތެލެސީމިއާ ސެންޓަރުގެ ހާލަތާ މެދު ލިބިވަޑައިގެންނެވި ޝަކުވާތައް ބައްލަވަން ރައީސް އަމިއްލަފުޅަށް ވަޑައިގެންނެވީ، މިދިޔަ ވިއްސަކަށް އަހަރު ތެރޭގައިވެސް ވެރިއެއްގެ ފަރާތުން ނުފެނުނު އޯގާތެރިކަމެއް ކަމަށް ހީނާ ވިދާޅުވިއެވެ.

