މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 117 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލުން ހާމަކޮށްފިއެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަށުންނެވެ.
އެސްއެމްއީ ޑިޖިޓަލްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖުމްލަ 573 ފަރާތަކަށް ވަނީ 335,524,928 ރުފިޔާ (ތިންސަތޭކަ ތިރީސް ފަސް މިލިޔަން ފަސްލައްކަ ސައުވީސް ހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ) ދޫކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް އެ ކުންފުނިން 223 ފަރާތަކަށް މުޅި ޖުމްލަ 117,843,773 ރުފިޔާ (ސަތޭކަ ސަތާރަ މިލިޔަން އަށްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ހައްދިހަ ތިން ރުފިޔާ) ދޫކޮށްފައިވާއިރު، މިދިޔަ އަހަރު ވަނީ 350 ފަރާތަކަށް ޖުމްލަ 217,681,155 ރުފިޔާ (ދުއިސައްތަ ސަތާރަ މިލިޔަން ހަލައްކަ އަށްޑިހަ އެއްހާސް އެއްސަތޭކަ ފަންސާސްފަސް ރުފިޔާ) ދޫކޮށްފައެވެ.
މިއަހަރު ދޫކުރެވުނު 117 މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ގިނަ އަދަދެއް ރަށު ފަތުރު ލޯނު ސްކީމުގެ ދަށުން ދޫކުރެވުނުއިރު، އެއީ 32 ލޯނަށް ޖުމްލަ 41.21 މިލިޔަން ރުފިޔާއެވެ. އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ވިޔަފާރި އެހީ ސްކީމުގެ ދަށުން 56 ލޯނު، ޖުމްލަ 23.1 މިލިޔަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް އެސްއެމްއީ ޑިޖިޓަލުން ދޫކޮށްފައިވާ މައިގަނޑު ލޯނު ސްކީމުތަކުގެ ތަފްސީލު ތިރީގައި މިވަނީއެވެ.
- ރަށު ފަތުރު: 32 ލޯނު – 41.21 މިލިޔަން ރުފިޔާ
- މުރާބަހާ އާރްއެސްޑަބްލިއު ފައިނޭންސިން: 24 ލޯނު – 23.5 މިލިޔަން ރުފިޔާ
- ވިޔަފާރި އެހީ: 56 ލޯނު – 23.1 މިލިޔަން ރުފިޔާ
- ކަނޑުފަޅުގެ ނަފާ: 30 ލޯނު – 8.8 މިލިޔަން ރުފިޔާ
- ހަރު މުދާ: 10 ލޯނު – 7.7 މިލިޔަން ރުފިޔާ
- ފަށާ މަދަދު: 43 ލޯނު – 6.3 މިލިޔަން ރުފިޔާ
މި ލޯނުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ކުރިއެރުމާއި ހިތްވަރު ލިބި، އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.

