ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހާއި ގުޅުވައިގެން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ޚާއްސަ ހިނގާލުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ދިވެހިރާއްޖޭގެ ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަނުން އިސްނަގައިގެން މާލޭގެ ސްކޫލްތަކާ ގުޅިގެން ބޭއްވި މި ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު އަމީނިއްޔާ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވިދާޅުވީ، މި ހިނގާލުމަކީ އަންހެން ކުދިންގެ ޝުޢޫރުތަކާއި މުސްތަޤުބަލާމެދު ގެންގުޅޭ ތަސައްވުރުތައް ހިއްސާކުރުމާއި، އަންހެން ކުދިންގެ އިސްނެގުން ރަމްޒުކޮށްދިނުމުގެ ބާއްވާ ހަރަކާތެއްކަމަށެވެ. އަދި ގައިޑް ހަރަކާތުގެ ތެރެއިން ދަސްކޮށްދޭ ކަންކަމަކީ އަންހެން ކުދިން ދިރިއުޅުމަށް ތައްޔާރުކޮށްދޭ މުހިންމު ހަރަކާތްތަކެއްކަން ޗީފް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވަނީ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ކުދިންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. “ލިބޭ ޢިލްމާއި ތަޖުރިބާގެ އަލީގައި ކެރޭ ލީޑަރުންގެ ގޮތުގައި މުޖުތަމަޢުގައި ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި މަސައްކަތްކުރާ ނަމޫނާ ކުދިންކަމުގައި ތިބުމަށް ހުރިހާކުދިންނަށް އިލްތިމާސްކުރަން.” ޢާއިޝަތު ނަޝީދާ ވިދާޅުވިއެވެ.
މި ހިނގާލުން ކުރިއަށްގެންގޮސްފައިވަނީ ޗާންދަނީ މަގުން ފެށިގެން މަޖީދީމަގަށް ގޮސް، މަޖީދީ މަގުން ސޯޝަލް ސެންޓަރާއި ހަމައަށެވެ. މި ހަރަކާތުގައި މާލޭގެ އެކި ސްކޫލްތަކުން ގިނަ އަދަދެއްގެ ގަރލް ގައިޑުން، ލިޓްލް މެއިޑުން، ސްޓަރރަން، ޔަންގް ލީޑަރުން އަދި ލީޑަރުން ބައިވެރިވެފައިވެއެވެ. ހިނގާލުމުގެ ތެރެއިން އަންހެން ކުދިން ވަނީ އެކުދިންގެ ތަފާތު ޝުޢޫރުތަކާއި ކުރިމަގަށް ކުރާ އުއްމީދު ދައްކުވައިދޭ ތަފާތު ބެނާތަކާއި ޕޯސްޓަރުތައް ބޭނުންކޮށްފައެވެ.
މާލޭގެ އިތުރުން ހުޅުމާލޭގައިވެސް މިއަދު މި ހިނގާލުން ވަނީ ކުރިއަށްގެންގޮސްފައެވެ. ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސިންތެޓިކް ޓްރެކުގައެވެ.
ބައިނަލްއަޤުވާމީ ގޮތުން އަންހެން ކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތަކަށް ސަމާލުކަން ގެނައުމަށާއި، އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.
މި އަހަރުގެ އަންހެން ކުދިންގެ ދުވަހުގެ ޝިއާރަކީ “ދަ ގާލް އައި އޭމް، ދަ ޗައިލްޑް އައި ލީޑް: ގާލްސް އޮން ދި ފްރަންޓްލައިންސް އޮފް ކްރައިސިސް” އެވެ. މި ޝިއާރުގެ ދަށުން އަންހެން ކުދިންގެ ލީޑަރޝިޕް ސިފަތައް އިތުރުކޮށް، އެ ކުދިންގެ ދުޅަހެޔޮކަމަށް އިންވެސްޓްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

