ނޭޝަނަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންދާ ފަސް މުހިންމު ހިދުމަތެއް ޑިޖިޓަލައިޒްކޮށް، ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިފި އެވެ. މިކަން އިއުލާންކޮށްފައިވަނީ މިއަދު އެންސްޕާއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ވަންގަވް މެދުވެރިކޮށް މިހާރު އޮންލައިންކޮށް ލިބޭނެ ހިދުމަތްތަކަކީ އެކަނިވެރި މައިންނަށްދޭ އެލަވަންސް، ފޯސްޓާ ޕޭރެންޓުންނަށް ދޭ އެލަވަންސް، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކި ފޯރުކޮށްދިނުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް އަދި ތެރަޕީ ބޭނުންވާ ފަރާތްތަކަށް ދޭ އެހީ އެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ “ހަފްތާ 2.0” ގެ ސިޔާސަތުގެ ދަށުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށާއި، ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. މީގެކުރިން ގާތްގަނޑަކަށް 15,000 ރައްޔިތުންނަށް މެނުއަލްކޮށް ހިދުމަތް ދިނުމަކީ މުވައްޒަފުންނަށް ބުރަ މަސައްކަތެއް ކަމަށާއި، ޑިޖިޓަލްކުރުމުގެ ސަބަބުން ރައްޔިތުންނަށް އަވަހަށް ފަސޭހައިން ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހީނާ ވަލީދު އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި އެންސްޕާގެ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލްކުރުމަކީ އުއްމީދެއް ކަމަށެވެ. އަދި، އޮންލައިންކޮށް ހިދުމަތް ހޯދަން ނޭނގޭ ފަރާތްތަކަށް މެނުއަލްކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ދެމިހުންނާނެ ކަމަށާއި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައްވެސް ހިންގުމަށް އެންސްޕާއިން ވަނީ ނިންމާފައެވެ.

