މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ “ރެހެންދި އެވޯޑް” 15 ފަރާތެއް ޙާސިލްކޮށްފިއެވެ. މިއަހަރުގެ އެވޯޑް ޙަފްލާގައި ވަނީ 2024 އަދި 2025 ވަނަ އަހަރުގެ އެވޯޑް ހަވާލުކޮށްފައެވެ.
މި އެވޯޑް ދިނުމަށް ބާރޮސް ނަސަންދުރާގައި ބޭއްވުނު ޝަރަފުވެރި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މި ޙަފްލާގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރެހެންދި އެވޯޑަށް މައިގަނޑު 3 ކެޓަގަރީއަކުން ކުރިމަތިލުމަށް ހުޅުވާލި އިރު، އެއީ ވަކިވަކި އަންހެނުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގެ ދާއިރާތަކެވެ. 2024 ވަނަ އަހަރަށް 22 އަންހެނުން ކުރިމަތިލުމުން 5 ފަރާތަކަށް އެވޯޑު ލިބުނުއިރު، 2025 ވަނަ އަހަރަށް 28 އަންހެނުން ކުރިމަތިލުމުން 10 ފަރާތަކަށް އެވޯޑު ލިބިފައިވެއެވެ. ލިބުނު ފަރާތްތަކުގެ ތެރޭގައި އިޖުތިމާޢީ، އިޤްތިޞާދީ، ލީޑަރޝިޕް، އަދި އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ ފާހަގަކޮށްލެވެއެވެ.
2025ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:
- އާއިޝަތު ހުސައިން – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ޘުރައްޔާ އިބްރާޙިމް – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އާމިނަތު އާދަމް ކޮއި – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އާމިނަތު ރީމާ ރަޝީދު – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
- ޑރ. ރުޚްޝާނާ އަޙްމަދު – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ސަމީނާ އިބްރާޙީމް – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ސަފާތު އަޙްމަދު ޒާހިރު – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
- އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
- ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
2024ވަނަ އަހަރު ރެހެންދި އެވޯޑް ލިބުނު ފަރާތްތައް:
- އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- މަރްޔަމް މުރުޝިދާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- އަސްމާ ޙަސަން – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ޢާއިޝަތު ޠާއިފާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
- ވިމެން އެންހޭންސްމަންޓް (އެންޖީއޯ) – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ރެހެންދި އެވޯޑް ލިބޭ ކޮންމެ ކަނބަލަކީވެސް ވަރަށް ހިތްވަރު ގަދަ، ޤާބިލު، ކެރޭ ލާމަސީލު ނަމޫނާއެއް ދައްކަވާ ކަނބަލުންތަކެއް ކަމަށެވެ. މިއީ ހަމައެކަނި ކާމިޔާބީއެއް ފާހަގަކުރުން އެކަނި ނޫން ކަމަށާއި، މިއީ އަންހެނުންގެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ މަންސައެއް ކަމަށާއި، އާއިލާ ބިނާކުރުމުން ފެށިގެން ޤައުމު އާރާސްތުކުރުމުގައި އަންހެނުން ކުރާ ބުރަ މަސައްކަތުގެ ރަމްޒެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި، އެކި ދާއިރާތަކުން ކުރިއަށްދެވޭނެ މަގު ކޮށައިދީ، އިޤްތިޞާދީގޮތުން ބާރުވެރި ބަޔަކަށް އަންހެނުން ހެދުމަށް ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންނަކީ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއްކަން ކަށަވަރުކޮށް، ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުޞަތު އަންހެނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ މި އެވޯޑް ފުރަތަމަ ފަހަރަށް ދޭން ފެށީ 2014 ވަނަ އަހަރުއެވެ. ރެހެންދި އެވޯޑް ދިނުމުގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް، އަގު ވަޒަންކުރުމުގެ އިތުރުން، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނެރުމަށް ހިތްވަރުދީ، އަންހެނުންގެ ޙިއްސާ މަދު ދާއިރާތަކަށް އެ ޙިއްސާ އިތުރުކުރުމެވެ.

