ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި “ރީތިގަސް” ފްލެޓުތައް ލިބުނު މުވައްޒަފުންނަށް އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލުކުރަން މިރޭ ފަށައިފިއެވެ.
ހުޅުމާލޭގެ ރީތިގަސް މަގުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބައެއް މުވައްޒަފުންނަށް އެޕާޓްމަންޓުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއަ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު އަދި ކުންފުނީގެ ބޯޑު މެމްބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، އެޗްޑީސީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، މުވައްޒަފުންނަށް ހާއްސަކޮށްގެން 2017 ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ހަ ޓަވަރުގައި ޖުމްލަ 459 އެޕާޓްމަންޓް ވަނީ ތަރައްގީކޮށްފައެވެ.
މިރޭ ހަވާލުކުރަން ފަށާފައިވަނީ، ނިމިފައިވާ ޓަވަރު A އަދި ޓަވަރު B ގައި ތަރައްގީކޮށްފައިވާ 153 އެޕާޓްމަންޓެވެ. ބާކީ ހަތަރު ޓަވަރުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހަށް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ. ކޮންމެ ޓަވަރެއްގައި ދެ ލިފްޓު، ކޮމަން އޭރިއާ، ސެކިއުރިޓީ ރޫމް އަދި ކޮމާޝަލް ޔުނިޓުތައް ހިމެނެއެވެ. މީގެ އިތުރުން ޖުމްލަ 54 ކާރު ޕާކިން ސްލޮޓާއި 782 ސައިކަލް ޕާކިން ސްލޮޓްވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ކަނޑައަޅާފައެވެ.

