ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މުޙައްމަދު އަލަމިން މިޔާ އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައަކީ މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ މައްސަލައެކެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރުމަހުގެ 9 ވަނަ ދުވަހުއެވެ.
މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެއެވެ

