ހިޔާ ފްލެޓްތަކާއި ވިނަރެސް ހައުސިންގ މަޝްރޫޢުއާ ގުޅޭ މަސައްކަތްތަކަށް އާއްމު ރައްޔިތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ލުއި ދިނުމަށް އެ ބޭންކަށް އަންގަވާފައިވާކަމަށްރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ބީއެމްއެލްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ލޯނުތަކެއް ކަމުގައި ވާތީ، މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓްތަކަށް ލުއި ދިނުމަށް ބީއެމްއެލްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން، ހިޔާ ފްލެޓް ފިނިޝިންގ ލޯނުގެ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތަކަށް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ބީއެމްއެލްއަށް ވަނީ އަންގަވާފައެވެ. އަދި ވިނަރެސް ފްލެޓް ގަތުމުގެ ލޯނުގެ ޕްރޮފިޓް ރޭޓް %9 އިން %8 އަށް ކުޑަކުރުމަށްވެސް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލު ގެނެސްދެވޭނެ ކަމަށް ބީއެމްއެލްއިން މަޢުލޫމާތު ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމާ އެކު އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ދޫކޮށްފައިވާ ފްލެޓާއި ގޯތީގެ ކުލިތައް ކުޑަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، އަތޮޅުތަކުގައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަހު ކުލި 3330 ރުފިޔާއަށް ކުޑަކުރެއްވިއެވެ. އަދި ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6300 ރުފިޔާއިން 3984 ރުފިޔާއަށް ކުޑަކުރައްވާފައިވާއިރު، ވިނަރެސް ސްކީމުގެ ޑައުންޕޭމަންޓާއި ކުލިވެސް ވަނީ ކުޑަކޮށްދެއްވާފައެވެ. މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިންގ ޔުނިޓުތަކުގެ ކުލިން %20 ކުޑަ ކޮށްދެއްވިއެވެ.

