ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކަށް ސަރުކާރުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާ މި ދުވަސްވަރު، އދ. މާމިގިލީގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. މި ޚިދުމަތް ފެށުމާއެކު، އދ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓް ނެގުމަށް މާލެއަށް ދަތުރުކުރުމުގެ ބޭނުން ކުޑަވެ، ގާތުން ފަސޭހައިން ޚިދުމަތް ލިބިގެންދާނެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އދ. އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު “އިމުގާ” މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހެޅޭނެއެވެ. އަދި، ހުށަހަޅާ ފަރާތްތަކަށް ޕާސްޕޯޓް ނެގުމަށް “ކަލެކްޝަން ޕޮއިންޓް” ގެ ގޮތުގައި އދ. މަހިބަދޫ ނުވަތަ އދ. މާމިގިލި ހިޔާރުކުރެވޭނެއެވެ. މިކަމުގެ ސަބަބުން، އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ދަތިކަމެއްނެތި ޒަމާނީ ޚިދުމަތްތަކާ ގާތްވެވޭނެއެވެ.
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. ސަރުކާރުން މި މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ލާމަރުކަޒީކޮށް، އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށެވެ.
މިހިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށަމުން އަންނައިރު، މާލޭގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް ޕާސްޕޯޓްގެ ހިދުމަތް ވަނީ ދޭން ފަށާފައެވެ. މިގޮތަށް ޚިދުމަތްތައް ފުޅާކުރުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ފަސޭހަތަކެއް ގެނެސްދޭނެ ކަމެކެވެ.

