ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތު، “ބޯހިޔާވަހިކަން އެންމެންނަށް” މިރޭ ރަަސްމީކޮށް އިފްތިތާޙު ކުރައްވައިފި އެވެ. މި ސިޔާސަތަކީ ބޯހިޔާވަހިކަން ކަށަވަރުކޮށްދީ ގެދޮރުގެ ދަތިކަމަށް އޮތް ގޮންޖެހުން ފިލުވާލުމަށް ރައީސް މުޢިއްޒުގެ އެންމެ ބޮޑު އަމާޒަށް ވާސިލުވުމަށް އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މިރޭ އޮތް ރަސްމިއްޔާތެއްގައި މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އެވެ. “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތަކީ ވަށާޖެހޭ އަދި އަދުލުވެރިކަމާއެކު ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދޭނެ އުސޫލުތައް ހިމެނޭ ސިޔާސަތެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. މިރޭ އިފްތިތާޙުކުރި ސިޔާސަތާއެކު ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާނެ އުސޫލުތައް ވެސް ވަނީ އާންމުކޮށްފަ އެވެ.
އެގޮތުން ތަފާތު ހަތަރު ކެޓަގަރީއަކުން މަޝްރޫޢުތައް ހިންގާނެ އެވެ. އެއީ:
- ވިޔަފާރި އުޞޫލު: މާލީ ގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހިކުރުން.
- އެފޯޑަބަލް ހައުސިން: މެދުފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުން.
- ރެންޓް ޓު އޯން މޮޑެލް: އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް މި މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސްކޮށް ދިނުން.
- އެންމެ ފަޤީރު ޙާލަތް: ދިރިއުޅޭނެ ތަނެއް ނެތް އެންމެ ފަޤީރު ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ފަހިކުރުން.
މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ރަސްމާލޭ މަޝްރޫޢުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ހަލުއިކޮށްފަ އެވެ. އެމަނިކުފާނު މިހާރުވެސް ވަނީ ފުރަތަމަ ފިޔަވަހިން 15،000 ގޯތި ދޫކުރަން ހުޅުވައިލާނެކަމަށް އިޢުލާނު ކުރައްވާފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި 15،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި، މާލޭ ދަފުތަރުގައި ޖެހިފައިވާ މީހުންނަށެވެ. އަދި މާލޭގެ ކުދިކުދި ގޯޅިތަކުގައި ހުރި ގޯތިތަކުގައި ދިރިއުޅޭ މީހުންނަށް ގޯތި ނުހެދޭތީ އެތަންތަން ލާޖައްސާ އުސޫލުން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ގޯތި ދޫކުރެވޭނެ އެވެ.
މިރޭ ޢާންމުކުރި “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތާއެކު އިންސާފުވެރިކަމާއެކު ގޯއްޗާއި ފްލެޓް ދޫކުރެވޭނެ ގޮތް ފަހިވެ، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފަހި މާހައުލެއް ބިނާކުރުމަށް މަގުފަހިވާނެކަމަށް ސަރުކާރުން ބުނެއެވެ.

