ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު، ޓިކްޓޮކްގެ އިސްވެރިންނާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ސްވިޒަލޭންޑުގެ ދާވޯސްގައި މިހާރު ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމް (ޑަބްލިއުއީއެފް) ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ސައީދު ވަނީ ޓިކްޓޮކްގެ މެޓަޕްސާ ސަރަހައްދުގެ ގަވަރމަންޓް ރިލޭޝަންސް އެންޑް ޕަބްލިކް ޕޮލިސީގެ އިސްވެރިޔާ އެމީރު ގެލެންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދިވެހި އުފެއްދުންތެރިންނަށް ޓިކްޓޮކް ޕްލެޓްފޯމް މޮނަޓައިޒް ކުރެވޭނެ ނުވަތަ އެއިން މާލީ މަންފާ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށް އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާ އެއްގޮތަށް، ދިވެހި ޒުވާނުންނާއި އުފެއްދުންތެރިންނަށް ޑިޖިޓަލް ޕްލެޓްފޯމްތަކުން މަންފާ ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މީގެ ކުރިންވެސް ޓިކްޓޮކްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށް، މި ދާއިރާއިން ކުރިއަށް ދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި، މިފަދަ ބައިނަލްއަޤުވާމީ ޕްލެޓްފޯމްތަކާއެކު ގާއިމުކުރެވޭ ގުޅުންތަކުގެ ސަބަބުން ދިވެހި އުފެއްދުންތެރިންނަށް ދުނިޔޭގެ ބާޒާރުގައި ފުރުސަތުތައް ފަހިވެ، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ. އަދި މި މަސައްކަތުގައި އަމަލީ ނަތީޖާއަކާ ހަމައަށް ދިއުމަށްޓަކައި ޓިކްޓޮކާއެކު ގާތް ގުޅުމެއް ބާއްވަމުންދާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޓިކްޓޮކުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމަށްޓަކައި އެ ކުންފުނީގެ ރީޖަނަލް އޮފީސްތަކާވެސް ވާހަކަދައްކަން ފަށާފައިވާ ކަމަށާއި، މިކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިފައިވާނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދޭނެ އައު ދޮރުތައް ހުޅުވައިދިނުމެވެ.

