ވިލިމާލޭގައި އަޅާ 200 މީހުންގެ ޖާގައިގެ ސްޕޯޓްސް އެރީނާއާއެކު ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ރޭ ވިދާޅުވެއްޖެއެވެ.
ޖަލީލް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރާ މާފަންނު ފުޓްސަލް ޓީމާއި ހުޅުމާލެ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވިލިމާލޭގައި 200 މީހުންގެ ޖާގައާއެކު ސްޕޯޓްސް އެރީނާއެއް އަޅަން ނިންމާފައިވާކަން ފާހަގަކުރައްވަމުން ޖަލީލް ވިދާޅުވީ، މިއީ ކުޅިވަރުގެ ދާއިރާއަށް ލިބިގެންދާނެ އުއްމީދީ ކުރިއެރުމެއް ކަމަށެވެ.
މާލޭގެ ކުޅިވަރުގެ ވަސީލަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖަލީލް ވިދާޅުވީ، މާފަންނު ރައްޔިތުންނަށް ކުޅޭނެ ބިމެއް ނެތްކަން އެނގިވަޑައިގަންނަވާ ކަމަށާއި، މޭޔަރުކަމަށް އިންތިޚާބުވެއްޖެނަމަ އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ވިސްނުން އެބަހުރި ކަމަށެވެ. ކުޅިވަރު ކުޅޭނެ ތަންތަން ނެތުމުން އުފެދޭ ހިތްހަމަނުޖެހުންތައް ރުޅިވެރިކަމަށް ބަދަލުނުކޮށް، އެކަންކަން ހައްލުކުރުމަށް މެންބަރުން މެދުވެރިކޮށް މަސައްކަތް ކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
ކުޅިވަރުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޖަލީލް ވިދާޅުވީ، ފުޓްބޯޅަ އާއި އެހެނިހެން ކުޅިވަރުތަކަކީ ހަމައެކަނި ޖިސްމާނީ ދުޅަހެޔޮކަމެއް ނޫން ކަމަށެވެ. “ހަމައެކަނި ފިޒިކަލީ ފިޓްވުމެއް ނޫން އޭގައި މިއޮންނަނީކީ. އެމީހާގެ ހަށިގަނޑާއި ސިކުނޑި އެބަ ތަރުބިއްޔަތުކުރޭ އެމީހާ ބޭނުންވާ މަގްސަދު ހާސިލްކުރުމަށް،” ޖަލީލް ވިދާޅުވިއެވެ. ކުޅުންތެރިއަކު ލަނޑެއް ޖަހާއިރު ސިކުނޑިއާއި ހަށިގަނޑު ކޯޑިނޭޓްވާންޖެހޭ މިންވަރަކީ ބެލުންތެރިންނަށް އިހުސާސް ނުކުރެވޭ ފަދަ ބޮޑު ހުނަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުބާރާތަށް ތައްޔާރުވާ ކުޅުންތެރިންނަށް ނަސޭހަތްތެރިވަމުން ޖަލީލް ވިދާޅުވީ، ޖިސްމާނީ އަދި ނަފްސާނީ ތައްޔާރުވުމުގެ އިތުރުން، ގަވައިދުން ނަމާދުކޮށް އީމާންތެރިކަން ވަރުގަދަކޮށް ކާމިޔާބަށް އެދި ދުއާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި ޒުވާން ޓީމުތަކުން ގައުމަށް ހޯދައިދޭ ރަން މެޑަލްތަކާއި ރީތި ނަމާމެދު ފަހުރުވެރިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

