ދިވެހި ޒުވާނުންނަށް ފަހި މުސްތަޤްބަލެއް ކޮށައިދިނުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން ފަށާފައިވާ “ދިވެހި ވަޠަނީ ޚިދުމަތް” ޕްރޮގްރާމުގެ ދެވަނަ ބުރުގެ ބައިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
މި ޕްރޮގްރާމުގެ ދެވަނަ ބުރުގެ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުން މިއަދު ވަނީ ތަމްރީނުތައް ފުރިހަމަކުރުމަށްޓަކައި ޅ. މާފިލާފުށްޓަށް ފުރާފައެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 350 ޒުވާނުންނާއެކު ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ “ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ” ގެ ދެވަނަ ބުރު، ބައިނަލްއަޤްވާމީ ތަޢުލީމާބެހޭ ދުވަހު ފެށިގެން ދިއުމަކީ ލިބިވަޑައިގަންނަވާ ޚާއްޞަ އުފަލެއް ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި ތަމްރީނަކީ ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތުގެ އިތުރުން ލީޑަރޝިޕް، ފަސްޓްއެއިޑް، ފަޔަރފައިޓިންގ، ހަށިހެޔޮކަން އަދި މޫދަށް އަހުލުވެރިކުރުވުން ފަދަ ބޭނުންތެރި އެތައް ހަރަކާތްތަކެއް ހިމެނޭ ތަމްރީނެކެވެ.
“މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިޢާރުތަކަށް ލޯބި އިތުރުކޮށް، ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ،” ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ތަމްރީނުގެ ސަބަބުން ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޖީލެއް ބިނާވެގެންދާނެ ކަމަށެވެ.
ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފަހަރުގެ ބުރުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 350 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ. މި ތަމްރީނުތައް ކުރިއަށްދާނީ މާފިލާފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، މަސައްކަތަށް އަހުލުވެރި އަދި އަޚްލާޤީ ގޮތުން ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް ރާއްޖޭގައި އަލަށް ފެށި މަޝްރޫޢެކެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު، އެ ބުރުން 344 ދަރިވަރުން ވަނީ ކާމިޔާބުކަމާއެކު ދަސްވެނިވެފައެވެ. އޭގެ ތެރެއިން 66 ޒުވާނަކު މިހާރު ވަނީ ފަންނީ ތަމްރީނުތަކުގައި ބައިވެރިވާން ނިންމާފައެވެ.

