ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓްތައް ކަނޑައެޅުމަށްޓަކައި ބޭއްވި ގުރުއަތުލުން، 14 ގަޑިއިރަށް ދެމިގެންދިޔަ ބުރަ މަސައްކަތަކަށްފަހު ނިންމާލައިފިއެވެ. ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ގުރުއަތުލުމުގެ ކަންކަން ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައިވާއިރު، ގޯތި ކަނޑައެޅުމާއެކު އެ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ޕްލޮޓް ނަންބަރު ވަނީ އަންގާފައެވެ.
ޕްލޭނަށް ގެނައި ބަދަލުތަކާއެކު އަލުން ގުރުއަތުލުން
މި ގުރުއަތު އަލުން ނަގަން ޖެހުނީ ގިރާވަރު ފަޅުގެ އައު ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން، ގޯތި ދޫކުރާ ސަރަޙައްދުތަކަށް ބަދަލު އައުމުގެ ސަބަބުންނެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން ގިރާވަރު ފަޅުގެ ޕްލޭން އެކުލަވާލާފައިވަނީ އަސާސީ ޚިދުމަތްތަކަށް ބޭނުންވާ ޖާގަ އެކަށީގެންވާ ގޮތެއްގައި ކަނޑަނާޅައެވެ. އެހެންކަމުން މި ސަރުކާރުން ވަނީ ޕްލޭން އަލުން އިސްލާހުކޮށް، ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން އިތުރު 3 ހެކްޓަރު އިތުރުކުރުމަށް ނިންމާފައެވެ.
މިފަހަރުގެ ގުރުއަތުގައި ޖުމުލަ 4072 ގޯއްޗެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ;
- 1250 އަކަފޫޓުގެ 2605 ގޯތި،
- 1650 އަކަފޫޓުގެ 1213 ގޯތި،
- 2050 އަކަފޫޓުގެ 253 ގޯތި އަދި
- 2450 އަކަފޫޓުގެ އެއް ގޯއްޗެވެ.
ކުރީ ސަރުކާރުން ގިރާވަރު ފަޅުން 5168 ގޯތި ދޫކުރަން ނިންމި ނަމަވެސް، އެ ސަރަޙައްދުން އެ އަދަދަށް ގޯތި ނެގެން ނެތުމުގެ ސަބަބުން 1096 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުޞަތު މި ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ގޯތީގެ އެއްބަސްވުންތަކާއި ރަޖިސްޓްރީއާ ގުޅޭ މަސައްކަތްތައް ކުރިއަށްދާނެ ތާރީޚެއް ފަހުން އިޢުލާންކުރާނެއެވެ. އަދި މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން، އިން ވަކިކޮށް ގޯތިތައް ހަވާލުކުރާނެއެވެ. ސަރުކާރުން ވަނީ ގިރާވަރުފަޅު މަޝްރޫޢަށް އިތުރު 113 ހެކްޓަރުގެ ބިން އިތުރުކުރުމަށް ނިންމާފައިވާކަންވެސް ފާހަގަކޮށްފައެވެ.

