ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ފެނޭތޯ ބެލުމަށް ވޯޓަކަށް ދާން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
އިންޑިއާ އައުޓް ހަރަކާތް އިތުރަށް ވަރުގަދަކޮށް ކ. ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެން ގިނަ ދިވެހިން ދެކޮޅު ކަމަށާއި އެކަން މިއަދު ރާއްޖޭގެ ގިނަ ރަށްތަކުން އެނގިގެން ގޮސްފައިވާ ކަމަށެވެ.
“މިހާރު އެއް ބޭފުޅަކު އެބަ މަސައްކަތް ކުރައްވާ ނޫންތޯ ބަރުލަމާނީ ނިޒާމު ރައްޔިތުންނަށް ފެންނަނީ ކޮން ގޮތެއްތޯ ބަލަން. ބަރުލަމާނީ ނިޒާމާއި އެހެން ނިޒާމުތައް އައުމުގެ ކުރިން ބަލާލަން އެބަޖެހޭ ފުރަތަމަ ރައްޔިތުންގެ ވިސްނުމާއި ރައްޔިތުންގެ ޝުއޫރު އޮތީ އިންޑިއާ އަސްކަރިއްޔާ މިތާ ތިބުމުގައި ކޮން ގޮތަކަށްތޯ. މި ވޯޓު ނަގަންވީ” ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެފަދަ ވޯޓެއް ނެގުމުން މިސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު އެނގިގެން ދާނެ ކަމަށާއި، ވޯޓުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ފެންނަތޯ ވެސް އެނގިގެން ދާނެ ކަމަށެވެ.
“މިހާރު ވޯޓެއް ނަގައިފިނަމަ ހަމަ ސައްޕު ޖަހާފައި ބޭރުކުރާނެ.” ރައީސް ޔާމީން ވިދާޅުވިއެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަށް މިހާރު ތާއިދެއް ނެތް ކަމަށާއި އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތައް ސަރުކާރަށް ހަޖަމް ކުރަން ވެސް ދަތިވެފައިވާ ކަމަށެވެ.