ގދ،ފިޔޯރީގައި ކުރިއަށްދާ “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަންގެ 6 ވަނަ މެޗުން، ބަލިވެ، ރަތަފަންދޫ ސެމީފައިނަލަށް ދިޔުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ރަތަފަންދޫ މިމެޗުގައި ބައްދަލު ކުރީ ފަރެސްމާތޮޑާގެ ފިރިހެން ޓީމާއިއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗުން ރަތަފަންދޫ ބަލިކޮށް ފަރެސްމާތޮޑާއިން މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.
ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެސެޓު ފަރެސްމާތޮޑާއިން ކާމިޔާބު ކުރީ 25-14 އިންނެވެ.
ދެވަނަ ސެޓު ފެށިގެން ރަތަފަންދޫ ޓީމުން ވަނީ ނަތީއްޖާ އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ރަތަފަންދޫ އަށް އެސެޓު ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ފަރެސްމާތޮޑާގެ ޓީމުން ދެވަނަ ސެޓު ކާމިޔާބު ކުރީ 25-16 އިންނެވެ. އަދި ތިންވަނަ ސެޓުވެސް ފަސޭހަ ކަމާއި އެކު ފަރެސްމާތޮޑާގެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ފަހު ސެޓު ފަރެސްމާތޮޑާއަށް ކާމިޔާބު ކުރެވުނީ 25-19 އިންނެވެ.
ފަރެސްމާތޮޑާ އަދި ރަތަފަންދޫގެ ފިރިހެން ޓީމް ބައްދަލުކުރި މެޗުގެ ތެރެއިން – ހުވަދޫ ފޮޓޯ: ހިލްޓަން އާސިފް
މި މުބާރާތުގައި ފަރެސްމާތޮޑާގެ ފިރިހެން ޓީމުން 3 މެޗް ކުޅެފައިވާއިރު، އެހުރިހާ މެޗަކުންވެސް ފަރެސްމާތޮޑާގެ ފިރިހެން ޓީމު ވަނީ ކާމިޔާބުކޮށްފައެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 14 އާދަމް ނަސީމް އެވެ.
މިމުބާރާތުގައި މިރޭ އިތުރު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 21:30 ގައި ފަރެސްމާތޮޑާ އާއި ރަތަފަންދޫގެ އަންހެން ޓީމް ބައްދަލު ކުރާ މެޗު ފަށާނެ އެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.