ސަލްމާން މިސްކިތުގައި ކީރިތި ގުރުއާނާއިބެހޭ މަރުކަޒުގެ އިމާރާތް މިހާރު ހުރީ ވަރަށް ހާލުދެރަކޮށް ކަމަށާއި އެތަނަށް ވަދެ އެތަނުގެ ހާލަތު ބަލާލި ކޮންމެ މުސްލިމަކު ދެލޮލުން ކަރުނަ އަޅާ ރޯނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ޤުރުއާނާއި ބެހޭ މަރުކަޒުގެ އިމާރާތް ހަލާކުވެ އެތަން ހުރީ ބޮލަށް ވެއްޓޭ ހިސާބުގައި ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ސަލްމާން މިސްކިތުގައި ގުރުއާނާބެހޭ މަޒުކަޒަށް ހާއްސަ ކުރި ފަންގިފިލާއަށް ނޭޝަނަލް ކައުންޓާރ ޓެރެރިޒަމް ސެންޓަރ (އެންސީޓީސީ) ބަދަލު ކުރަން އުޅޭކަމުގެ ރަސްމީ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށާއި އެގޮތަށް އެކަން ކޮށްފިނަމަ އިސްލާމީ ތައުލީމާއި އަދި އިސްލާމީ ހަޟާރަތާ ނުގުޅޭ އެތައް ކަމެއް އެތަނުގައި ހިންގާނެއެވެ. އަދި އެއީ ވަރަށް ނުބައި މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެހެންކަމުން ސަލްމާނު މިސްކިތަށް ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރ ބަދަލު ނުކުރަން މުއިއްޒު ގޮވައިލައްވައިފިއެވެ.
މުއިއްޒުގެ ތުހުމަތާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަލްމާން މިސްކިތަށް ކައުންޓާ ޓެރެރިޒަމް ސެންޓަރު ބަދަލު ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތް ހުންނާނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެހެންކަމުން މިނިސްޓްރީގެ ހުއްދައެއް ނުލިބި އެތަނަށް އެއްވެސް ބަޔަކު ނުގެންދެވޭނެ ކަމަށާއި މިނިސްޓްރީގެ ވިސްނުމަކީ ސަލްމާން މިސްކިތް ހުޅުވުމަށްފަހު، ގުރުއާނާބެހޭ މަރުކަޒު އެތަނަށް ބަދަލު ކުރުން ކަމަށެވެ.

