މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ވިދާޅުވެއްޖެއެވެ.
ޑީޕީއޭއިން ވިދާޅުވީ ފާއިތުވީ އަހަރު އޮކްޓޫބަރ/ނޮވެމްބަރ މަހު ބޭއްވުނު އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ނަތީޖާ މިއަދުން ފެށިގެން ދޫކުރާނެ ކަމަށާއި ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އެދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ކަމަށެވެ.
2021 ވަނަ އަހަރު ރާއްޖޭގައި 1300 އަށްވުރެ ގިން ދަރިވަރުން އޭލެވެލް އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށް ޑީޕީއޭއިން ވަނީ ހާމަކޮށްފައެވެ. ކޮވިޑް-19ގެ ސަބަބުން މިއިމްތިހާން ވެގެންދިޔައީ ދަރިވަރުންނަށް ދަތިތަކެއް ކުރިމަތިވެގެންދިޔަ އިމްތިހާނަކަށެވެ.
އިމްތިހާނު އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ގިނަ ކަރުދާސްތަކެއް ލީކުވަމުން ދިއުމުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އިމްތިހާނު ކެންސަލް ކުރުމަށް ފަހު މިދިޔަ އޮކްޓޯބަރު/ނޮވެމްބަރު އިންޓޭކުގައި އޭ ލެވެލް އިމްތިހާން ކުރިއަށް ގެންގޮސްފައެވެ.