މީގެ 3 ދުވަސް ކުރިން ގދ މަޑަވެލީ ޓީއެސްލައިން މަސް ދޯނީގައި ގާއިމްކުރި ޒަމާނީ އައިސް ޕްލާންޓާއި އެކު މަޑަވެލީގެ ނަން ތާރީޚުގައި ލިޔެވިގެން ހިގައްޖެއެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މަޑަވެލި/އަބްދުﷲ ފަހުމީގެ މޭސްތިރި ކަމާއި ދީލަތި އެހީތެރިކަން ލިބިގެން ޓީއެސްލައިންގައި ގާއިމްކުރި އައިސް ޕްލާންޓަކީ 129 ޓަނުގެ މަސް ފިނިކޮށް ބެހެއްޓުމަށް ބޭނުންވާ ފިނިކަން ބައިގަޑިއިރު ތެރޭގައި އުފެއްދޭ ގާބިލް ކަންހުރި ޑިޖިޓަލައިޒްޑް ސިސްޓަމެކެވެ.

އަބްދުﷲ ފަހުމީގެ އިތުރުން ދޯނީގެ ބައެއް ފަޅުވެރިން ދޯނި ތެރޭގައި
މަޑަވެލީ ގައި މަސްވެރިކަން ކުރާ އެރަށު ޓީއެސްލައިން ދޯނީ ގައި އާރއެސްޑަބްލިއު ،122 ކިލޯ ވޯޓްގެ ސިސްޓަމް ގާއިމް ކުރުމަށްފަހު ކުރި މަސްވެރިކަން ކުރުމުގެ ތަޖުރިބާ ދަތުރު ނިންމާލަންފަހު ރޭ ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ފަހުމީ ވިދާޅުވީ މަޑަވެލީ ދޯންޏެއްގައި މި ޕްލާންޓް ބެހެއްޓުން ވެގެންދިޔުމީ ތާރީޚީ ގޮތުން ލިބުނު ޝަރަފަކާ ފަޚުރެއް ކަމަށާއި މިނިޒާމަކީ ރާއްޖޭގެ ދޯނިފަހަރު ތަކުގައި ސަރުކާރުން ބަހައްޓަން މަސައްކަތް ކުރަމުންދާ އާރއެސްޑަބްލިއު ޕްލާންޓްތަކަށް ވުރެ އެތައް ގުނައެއް މަތީ އަދި ޚަރަދުގެ ގޮތުން ސަތޭކަ ގުނަ ކުޑަ ޕްލާންޓެއް ކަމަށެވެ.
މި ޖައްސަން ޖެހޭނީ މަސް ބާނައި ނިމުނީމަ. މިހާރު ރާއްޖޭގެ ދޯނި ފަހަރު ތަކުން އެންމެ ގިނަ އަޑަކަށް ބާނާ މަސް އެއްކޮށް ފިނިކަން ގެންނަ ކެޕޭސިޓީ މިހާރު މި އޮތީ ރާއްޖެއަށް ވެސް ގެނެސްފައި. އަޅުގަނޑު މިކަން ކުރީ މި\ޕްލާންޓް އުފައްދާ ފެކްޓަރީ އަށް އޮޑިވެރިންނާއި ކެއުޅުން ގެންގޮސް ތަޖުރިބާ ކުރުމަށް ފަހު. – ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މަޑަވެލީން މި ހުޅުވާލީ ރާއްޖޭގެ މަސްވެރިކަމުގެ ކުރިމަގު އާ ހަރުފަތަކަށް ގެންދަން ޒަމާނީ ދޮރާއްޓެއް ކަމަށާއި މަޑަވެލީގެ ބަނދަރުގައި ދޯނި ފައްތިޔާ ކޮށްލުމާއި އެކު މަސްދޯނިތަކަށް އެންމެ ފަހުގެ އެތައް ޚިދުމަތްތަކެއް ދެވޭނެ ކެޕޭސިޓީ މިހާރު އެބަހުރި ކަމަށެވެ. އަދި އޭނާ ހުރީ ބޭރުން އެޚިދުމަތް ލިބޭ އަގަށް ވުރެ ހާސް ބައި ކުޑަކޮށް ތަކެއްޗާއި ޚިދުމަތް ދޭން ތައްޔާރަށް ކަމަށްވެސް ޢަބްދުﷲ ފަހުމީ ވިދާޅުވިއެވެ.

ޓީއެސް ލައިން ގައި ގާއިމުކޮށްފައިވާ ޒަމާނީ އައިސްޕްލާންޓް
މަޑަވެލީ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ ޓީއެސްލައިންގައި ގާއިމްކުރި ޒަމާނީ އައިސް ޕްލާންޓާއި އެކު މަޑަވެލި ތާރީޚުގެ ތެރެއަށް ވަދެ މިގެނެސްދިނީ ބޮޑު އިންޤިލާބެއްކަމަށާއި މިފުރުސަތުގައި މަޑަވެލީ އަރިނަގާގޭ އަބްދުﷲ ފަހުމީ އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށެވެ.
“މިހާރު މީގަ ވާގޮތަކީ ރާއްޖޭގެ ދޯނި ފަހަރު ތަކުގައި ހުރި ޕްލާންޓްތައް 6 ގަޑި އިރަށް ހިނގައިގެން ވެސް ފިނި ކުރެވެނީ 10 ޓަނު މަސް. އެއާ ޚިލާފަށް މިސިސްޓަމް ބައިގަޑިއިރު ހިންގައިގެން 29 ޓަނު މަސް ފިނި ކުރެވުނު. އެކަން ތަޖުރިބާ ވެސް ކޮއްފިން. އެއީ އިންޤިލާބެއް” ފިޔާޒް ޙަސަން ވިދާޅުވިއެވެ.

