މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެއްސަކު އުމނުރަށް ޖަލަށްލާން ސްރީލަންކާގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާގޮތުގައި މަސްތުވާތަކެތި ގެންގުޅުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު ކޮލަމްބޯގެ ކޯޓަކުން އިއްވާފައިވަނީ ދިވެހި ފިރިހެނެއްގެ މައްޗަށް ކަމަށާއި، އޭނާ ޖަލަށްލީ 265 ގްރާމް ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ކަމަށެވެ. އެހެން ނަމަވެސް އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ ހައްޔަރުކުރީ 2016 ވަނަ އަހަރު ބަމްބަލަފިޓިޔާއިންނެވެ.
އެމައްސަލައާއި ގުޅިގެން އެހެން މީހެއްގެ މައްޗަށްވެސް ދައުވާ ކޮށްފައިވީ ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައިވާ ކަމަށްވެސް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.