ގދ. ތިނަދޫގައި ހުންނަ، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކުރުމަށް ދެފަރާތަކުން ބޮޑު އެހީއެއް ވަނީ ފޯރުކޮށްދީފައެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2021 އަދި 2022 ވަނަ އަހަރަށް ހޮވިފައިވާ އެސްކޫލުގެ އިސްވާރުންގެ އިސްނެގުމާއިއެކު، ސްކޫލްގެ ލައިބްރަރީ އަޕްގްރޭޑްކޮށް ތަރައްޤީ ކުރުމަށް، ޕްރޮޕޯސަލް ތައްޔާރުކޮށް، ލައިބްރަރީ ތަރައްޤީ ކުރުމަށް ފަންޑެއް ހޯދުމަށް ކުރެވުނު މަސައްކަތުން ވަރަށް ބޮޑު ކުރިއެރުމެއް ލިބި ދެފަރާތަކުން ސްކޫލްގެ ލައިބްރަރީ އަޕްގްރޭޑްކުރުމަށް 125000 ރ (އެއްލައްކަ ފަންސަވީސް ހާސް ދިވެހި ރުފިޔާ) ވަނީ ހަދިޔާ ކޮށްފައެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަޕްގްރޭޑް ކުރުމަށް ހުވަދު އަތޮޅުގައި ހިންގާ ރިސޯޓެއް ކަމުގައިވާ ރަފޭލްސް މޯލްޑިވްސް 75000 ރ (ހަތްދިހަ ފަސް ހާސް ދިވެހި ރުފިޔާ) ހަދިޔާކޮށްފައިވާއިރު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން 50،000 ރ (ފަންސާސް ހާސް ދިވެހި ރުފިޔާ) ވަނީ ހަދިޔާކޮށްފައެވެ.
ހުވަދު އަތޮޅުގައި ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަފޭލްސް މޯލްޑިވްސް އިން އަބަދުވެސް ސްކޫލްތަކާއި ގާތް ގުޅުމެއް ބާއްވާކަން ފާހަގކޮށްލެވެއެވެ. ރަފޭލްސް މޯލްޑިވްސް އިން ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، އިންޓެންޝިޕް ޕްރޮގްރާމްތައް ކުރިޔަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. ރަފޭލްސް މޯލްޑިވްސްގެ ސީއެސްއާރު ކޮމްޕޯނަންޓްގެ ދަށުން، ކައިރި ރަށްރަށަށް ތަފާތު އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެމުން އަންނައިރު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓަށް، އެ ރިސޯޓުގެ ފަރާތުން 75000 ރ (ހަތްދިހަ ފަސް ހާސް ދިވެހި ރުފިޔާ) ވަނީ ހަދިޔާކޮށްފައެވެ.

ރަފޭލްސް މޯލްޑިވްސް އިން ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މެނޭޖްމަންޓުގެ ބައެއް ބޭފުޅުންނާއި ބައްދަލުކުރުން- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ އަޕްގްރޭޑް ކުރުމަށް ރަފޭލް މޯލްޑިވްސް އިން ހަދިޔާ ކުރި ފައިސާގެ ޗެކް އެސްކޫލާއި ހަވާލުކުރުމަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ކުޑަ ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން، ރަފޭލްސް މޯލްޑިވްސްގެ މެނޭޖްމަންޓުން ފާހަގަކޮށްފައިވާ ގޮތުގައި، ދަރިވަރުންގެ ފަރާތުން އިސްނަގައިގެން، މިފަދަ ވިސްނުމެއް ކުރިޔަށް ނެރުމަކީ، ވަރަށް ރަނގަޅު އިނިޝިއޭޓިވް އެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ރިސޯޓް މެނޭޖްމަންޓުން، ކައިރި ރަށްރަށުގެ ލޯކަލް ކޮމިއުނިޓީތަކާއި، ގާތް ގުޅުމެއް ބާއްވާ ކަމަށާއި، ސްކޫލްތަކާއި، ރަށްރަށުގެ ތަފާތު އިދާރާތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ވަރަށްބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އިންޓެންޝިޕް ޕްރޮގްރާމްތައް ހިންގައި، ރަނގަޅަށް ޕާފޯމް ކުރާ އިންޓާނުންނަށް، އެރިސޯޓުން ވަޒީފާގެ ފުރުޞަތު ދިނުމުގައިވެސް ޚާއްސަ އިސްކަމެއް ދޭނެ ކަމުގައި މެނޭޖްމަންޓުން ފާހަގަކޮށްފައި ވެއެވެ.

ރަފޭލްސް މެނޭޖްމަންޓުން، ފައިސާގެ ޗެކް ހަވާލުކުރުމަށް ބޭއްވުނު ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީ ކުރުމަށް ހިންގުނު ޚާއްސަ ފަންޑްރެއިސިންގ އަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން، ރަފޭލްސް މޯލްޑިވްސް އިން ދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް، އެ ރިސޯޓުގެ މެނޭޖްމަންޓަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުޙައްމަދު އަދި ސްކޫލް ކެޕްޓަން ފާހިމް ދަރިވަރުންނާއި ސްކޫލް މެނޭޖްމަންޓް އަދި ސްޓާފުންގެ ނަމުގައި ޚާއްސަ ޝުކުރު އަދާކޮށްފައި ވެއެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަކީ ސީއެސްއާރުގެ ދަށުން ސްކޫލްތަކަށް ތަފާތު އެހީތަކެއް ވަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވެއެވެ. ގދ، އަތޮޅު ތަޢުލީމީ މަރުކަޒުން ފާހަގަކޮށްފައިވާ ގޮތުގައި، އެސްޓީއޯ އިން ތަފާތު އެކިފަހަރުމަތިން، ސްކޫލަށް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިގޮތުން މީގެ ކުރިން ކުރިޔަށް ގެންދެވުނު، ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓުގައިވެސް ވަރަށް ބޮޑު ދީލަތި އެހީތެރިކަން އެސްޓިއޯއިން ދެއްވާފައި ވެއެވެ. ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓަށް އެސްޓިއޯ އިން ދަރިވަރުންގެ ކްލާސް ރޫމުގައި ހަރުކުރުމަށް 6 ޓީވީ ހަދިޔާކޮށްފައިވެއެވެ. ލައިބްރަރީ ރިނޮވޭޓްކޮށް އަޕްގްރޭޑް ކުރުމަށްވެސް އެސްޓީއޯގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދީ 50،000 ރ (ފަންސާސް ހާސް ދިވެހި ރުފިޔާ) ވަނީ ސްކޫލަށް ހަދިޔާކޮށްފައެވެ.

އެސްޓީއޯ އެމްޑީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިސްވާރުން، ޕްރިންސިޕަލް އަދި ޕީޓީއޭ ނާއިބު ރައީސް އާއި އެކު- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ސްކޫލްގެ ވަޞީލަތް ޤާއިމްކުރުމަށް ކުރިޔަށް ގެންދެވޭ ތަފާތު ޕްރޮޖެކްޓްތަކުގައިި، އެސްޓީއޯގެ ފަރާތުން ދެއްވާ އެހީތެރިކަން ފާހަގަކޮށް، އެސްޓީއޯގެ މެނޭޖްމަންޓް އަދި ވަކިން ޚާއްސަކޮށް މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއަށް ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ސްކޫލް މެނޭޖްމަންޓް އަދި ސްޓާފުން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރެއެވެ.

އެސްޓީއޯ އެމްޑީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަދި ޕީޓީއޭ މެމްބަރުންނާއި އެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒް މުޙައްމަދު ހުވަދޫ މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބުނެފައިވާ ގޮތުގައި، ލައިބްރަރީ، ރިނޮވޭޓްކޮށް، ޒަމާނީ ފެންވަރަށް ގެނައުމަކީ، އެސްކޫލްގެ މެނޭޖްމަންޓާއި ދަރިވަރުންގެ ވަރަށްބޮޑު އަމާޒެކެވެ. ސްކޫލްގެ އިސްވާރުންގެ އިސްނެގުމާއިއެކު ފެށުނު ލައިބްރަރީ ރިނޯވޭޝަން ޕްރޮޖެކްޓް ކާމިޔާބު ޕްރޮޖެކްޓަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި ޝިފާޒު ފާހަގަކުރެއްވިއެވެ. މިފަދަ ކަންކަމަކީ، ބޮޑު ޚަރަދު ތަކެއް ހިގާ ކަމަކަށް ވުމާއިއެކު ވަރަށް ބޮޑު ފަންޑެއް ބޭނުންވާ ކަމުގައި ޝިފާޒު ފާހަގަ ކުރެއްވިއެވެ. ދެފަރާތެއްގެ ދީލަތި އެހިތެރިކަމާއެކު، ފަންޑެއް ރެއިސްވެގެން ދިޔުމަކީ މިމަސައްކަތް ކާމިޔާބު ކުރުމަށް ލިބިގެނެދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ޝިފާޒު ފާހަގަ ކުރެއެވެ.
ޕްރިންސިޕަލް ފާހަގަކޮށްފައިވާ ގޮތުގައި، ލައިބްރަރީ ތަރައްޤީވެގެން އަންނައިރު، ވަަރަށްބޮޑު ރިނޮވޭޝަން އެއް ލައިބްރަރީ އަށް އަންނާނެ ކަމަށާއި، މިގޮތުން، ލައިބްރަރީ ދަރިވަރުންނަށް ފޮތްކިޔާލަން ތިބެވޭނެ ހިތްގައިމު މާހައުލަކަށް ބަދަލުވެގެން ދިޔުމާއިއެކު، ލައިބްރަރީގެ އެއް ސެކްޝަން އީ-ލައިބްރަރީ އެއްގެ ގޮތުގައި ތަރައްޤީ ކުރެވިގެން ދާނެކަމަށެވެ، އަދި ލައިބްރަރީގެ ފޮތް ކަލެކްޝަން އިތުރު ކުރެވިގެންދާނެކަންވެސް ޕްރިންސިޕަލް ފާހަގަކޮށްފައި ވެއެވެ.
ސްކޫލް ލައިބްރަރީ ފަދަ ތަންތަނަކީ، ކުދިންގެ ކިޔެވުމާއި ވަރަށްބޮޑަށް ގުޅިފައިވާ ތަނަކަށް ވުމުގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފޭ ރަނގަޅު ރިފަރެންސް ފޮތްތަށް އެކުލެވޭ ތަނަކަށް ލައިބްރަރީ ބަދަލުވެގެން ދިޔުމަކީ ދަރިވަރުންގެ ކިޔެވުމަށް އެޅުގެންދާނެ ބޮޑު ބާރެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ސްކޫލްތަކުން ހިންގާ ވަޞީލަތް ޤާއިމްކުރުމުގެ ތަފާތު ޕްރޮޖެކްޓްތަކުގައި ރަށްރަށުގެ ވިޔަފާރިވެރިންނާއި، ވިޔަފާރި ކުންފުނިތަކުން ތަފާތު ދީލަތި އެހީތަށް ދެމުން އަންނަކަން ފާހަގަކުރެވެއެވެ.
ތަޢުލީމީ ގޮތުން ޤާބިލް، ހުނަރުވެރި ޖީލެއް ބިނާކުރެވުމަކީ ޤައުމީ ތަރައްޤީއަށް އެޅިގެންދާނެ އެންމެ ބޮޑު ފިޔަވަޅެވެ. ސްކޫލްތަކުގެ ވަޞީލަތް ޤާއިމްކުރުމަށް މުޖުތަމަޢުގެ ތަފާތު ފަރުދުންގެ ފަރާތުން ލިބޭ އެހީތެރިކަމަކީ، ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރުމަށް ލިބގެންދާ އެހީތެރިކަމެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.

