އޮންލައިންކޮށް ކުރިމިނަލް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ ބަލައިގެންފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިމައްސަލަ ކްރިމިނަލަ ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. މިއީ މިފަދަ ގޮތަކަށް ކްރިމިނަލް ކޯޓުން މައްސަލައެއް ބަލައިގަތް ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަން އެ އޮފީހަކުން އަދި ހާމަކޮށްފައެއް ނުވެއެއެވެ.
ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އިއްޔެ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް އޮންލައިންކޮށް ސޮފްޓްވެއާއެއް ބޭނުން ކޮށްގެން ޖިނާއީ މައްސަލައެއް ހުށަަހަޅާފައިވާ ކަމަށެވެ.
މިކަމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައި ވިދާޅުވީ، އޭނާ ޕީޖީ ކަމާއި ހަވާލުވެ ވަޑައިގަތީއްސުރެ، މަސައްކަތް ކުރައްވަމުން ގެންދަވަނީ ލުއިފަސޭހަ ކަމާއެކު އެ އޮފީހުގެ މަސައްކަތްތައް ކުރުމަށް ބާރު އެޅުއްވުމަށް ކަމަށެވެ.
ޝަމީމް ވިދާޅުވީ، ފުލުހުންގެ ފަރާތުންވެސް މިހާރު ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅަނީ އޮންލައިންކޮށް ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ހުށަހަޅާ މައްސަލަތައް އޮންލައިން ޕޯޓަލަކަށް އަޕްލޯޑް ކުރުމުން، އެ ލިއުންތައް ޑައުންލޯޑްކުރެވޭ ނިޒާމެއް އޮންނަކަން ފާހަގަ ކުރައްވާފައިވެއެވެ.
“އަޅުގަނޑުގެ އުއްމީދަކީ، ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ވެސް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ވީހާ ވެސް އަވަހަކަށް ހަމަޖެހިގެން ދިއުމެވެ. ޓެކްނޮލޮޖީގެ ބޭނުން ފުރިހަމައަށް ހިފައި އެ ކަމުގެ ތެރެއިން މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދިއުމެވެ،” ބްލޮގުގައި ޝަމީމް ލިޔުއްވާފައިވެ އެވެ.