އެހާރުގެ ރޯދަ އާދަކާދަ ދިވެހި ރާއްޖެ އިސްލާމް ވީއްސުރެ ހުރިހާ ރަށަކުންވެސް ފެނުނު އެންމެ ފާހަގަ ކޮށްލެވޭ އެއް އާދަކާދައަކީ ރަމަޟާންމަހަށް ތައްޔާރުވުމާއި ރަމަޟާން މަހުގެ އާދަކާދަ ކަމުގައި ތާރީޚީ ފޮތްތަކުގައި ފާހަގަ ކުރެވިފައިވެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން އެކި ސަގާފަތާއި އުޅުންބުޅުން ހުރިކަމުގައި ލިޔުންތަކުން ފެންނަން އޮތްއިރު ވަރަށް ފަހަކާޖެހެންދެން އެއްބައި ރަށްތަކުން އިހުގެ އާދަކާދަ މާބޮޑު ތަފާތެއް ނެތި ފެންނަ ކަމަށްވެސް ފަހުގެ ތާރީޚީ ލިޔުންތަކުގައި ވެއެވެ. ހަމަ އެހެންމެ ބައެއް ރަށްރަށުން އިހުގެ ގިނަ އާދަކާދަތައް މުޅިންހެން ނެތިގެން ގޮސްފައިވާ ކަމުގައި ތާރީޚް ލިޔުއްވާ ބޭފުޅުން ފާހަގަ ކުރައްވައެވެ.
ހުވަދޫ އަތޮޅު ދެކުނުބުރީގެ އެންމެ އާބާދީ ބޮޑު ރަށް ކަމުގައިވާ ތިނަދޫއަކީ އިހުގެ ސަގާފަތާއި ހުރިހާ ގޮތަކުންވެސް މިހާރު ވަރަށް ބީރައްޓެހި ތަފާތު ރަށެކެވެ. އޭގެތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ އެއް ސަގާފަތަކީ ރޯދައަށް ތައްޔާރުވުމާއި ރޯދަމަހުގެ އާދަކާދައެވެ. އިހު ތިނަދޫ މީހުން ރޯދަ މަސް އައުމުގެ ދެމަސް ނުވަތަ ތިންމަސް ކުރިން ރޯދަ އަށް ތައްޔާރުވާން ފަށައެވެ. އުމުރުންދުވަސްވީ މީހުން ބުނާގޮތުގައި ރަޖަބު މަހަށް ހަނދު ބެލުމާއެކު ރަށުގެ ގިނަ މީހުން ރޯދައަށް ތައްޔާރުވެއެވެ.
ފުރަތަމަ ކުރާ ކަމަކީ ދަރު ހޮވުމެވެ. އެއީ އެންމެ މުހިންމު ކަމެވެ. އެކަން ކުރާނީ ބޮޑެތި މީހުން އޮޑި ދޯނިފަހަރުގައި އަތޮޅުގެ ފަޅު ރަށްތަޖަށް ގޮސްގެންނެވެ. ދަރު ދަތުރަށް ފަހު ގެއާއި ގޯތި ތެރެއަށް ކަށިވެލި ލުމަށް ވެލި ނަގަން ވަކިދަތުރެއް ކުރެއެވެ. ބައެއް މީހުން ރަށުގެ ގޮނޑުދޮށުން ނުވަތަ ކުރިން ކުރި ދަރު ދަތުރުގައި ގޮސް މިމަސައްކަތް ކޮށްލާ ކަމަށްވެއެވެ. ރޯދަ އަށް ހަވާދު ހަނާކުރުން އެއީވެސް ގިނަމީހުން އެއްވެގެން ކުރާ މުހިއްމު ކަމެކެވެ. އަންހެނުން ހަވާދުހަނާ ކުރާއިރު ފިރިހެނުން ވަނުން ތަޅުމުގައި އެހީ ވާނެއެވެ. އޭގެ ފަހުގައި ރޯދައަށް ހަފުތާއަކަށް ވުމުން ރަށުގެ ކުދި ބޮޑު އެންމެން އެއް ފޯރީގައި މުޅިންވެސް ކުރާ ކަމަކީ ރަށާ ގެއާ ގޯތި ތެރެއާއި މަގުމަތި ކުނިކަހައި ސާފު ކުރުމާއި ގޯއްޗަށް ވެލިލުމެވެ.
ގޯތީގައި އުނދޯލިގެ އެޅުމާއި ބަދިގޭގައި ގޭގެ އާބާތުރަ ފިލުވުވުމެވެ. އެ ޒަމާނަކީ ފަން ފުރާޅުތައް ގިނަ ގެތައް ހުންނަ ޒަމާނެއްކަމުން ފުރާޅު ބަދަލު ކުރުމަށް ގިނަ ބަޔަކު އެއްތަންވެ ފަންވިޔުމަކީވެސް ރޯދަައަށް ތައްޔާރު ވުމުގެ ފޯރީގައި ކުރާ ކަމެއް ކަމުގައިވެއެވެ. އެހާރުގައި ކުރާ ވަރަށް ތަފާތު ކަމެއް ފާހަގަ ކުރެވެއެވެ. ރޯދައަށް ގޭގައި ހުންނަ ފަރުނީޗަރު ދޮވެ ސާފު ކުރުމާއި. މަދިރިގެ ދޮވުމެވެ. މިކަން ކުރަނީ އެ ހުރިހާ އެއްޗެއް މޫދަށް ގެންގޮސްގެންނެވެ. ރަށުގެ ކުދި ބޮޑު އެންމެން މިކަމުގައި ބައިވެރިވެއެވެ. އެބައެއްގެ ގޭގެ އެއްޗެއް ދޮންނާނީ އެބައެކެވެ.
މަދިރިގެތައް ދޮވުމަށް ފަހު ހިއްކަން އަޅާނީ އެބައެއްގެ ގޭގައި ހުންނަ ގަހެއްގައި ނުވަތަ ކައިރި ހިސާބެއްގައި ހުންނަ ގަހެއްގައެވެ. މޫދަށް ގޮސް އެއްޗެހި ދޮންނަ ދުވަހަކީ މިހާރުގެ ގޮތުންނަމަ އެއްބަޔަކަށް މާހެފުން ހަފާ ދުވަހެވެ. އޭރުގެ ފަރުނީޗަރު ތަކަކީ ސީދާ ވަކަރުން އަމިއްލައަށް އުފައްދާ ތަކެތިކަމުން މޫދަށްލައި ދޮވެ ހެދުމަކުން އެއްވެސް މައްސަލައެއް ދިމާނުވެއެވެ. ރޯދައަށް ހަނދު ބެލުން ވެސް އެއީ ވަރަށް ތަފާތުކޮށް އޭރު ކުރާކަމެކެވެ. ހަނދުގެ އަސަރެއް ވެސް ފެނޭތޯ ހުރިހާ ކަތީބު ބޭކަލުން ރަށުގެ ހުޅަނގު ފަރާތު އަތިރިމަތީގައި އިރު އޮއްސި އަނދިރިވަންދެން ބަލަން ތިބެއެވެ. މި ކަން ވެރިން ކުރާއިރު ވަރަށް ގިނަ ރައްޔިތުންވެސް އެކަމުގައި ބައިވެރި ވެއެވެ.
ރޯދަމަހުގެ އާދަކާދަތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ރޯދައަށް ތިބޭ ވަޤުފުގެ އިތުރުން ރޭގަނޑު ވެސް އެކަން އިޙްސާސްވުމެވެ. ރޯދަ މަހުގެ މާތްކަމާއި މަތިވެރިކަން މާހައުލުންނާއި އުޅުންބުޅުންތަކުން ފާހަގަވުމެވެ. އެގޮތުން ކުދި ބޮޑު ގިނަ ފިރިހެނުން މިސްކިތުގައި ޤުރުއާން ކިޔަވަން ތިބުން ގިނަކަމާއި ހުކުރު ދުވަހު ވަރަށް އަވަހަށް މިސްކިތަށް ގޮސް މިސްކިތުގައި ޤުރުއާން ކިޔަވަން ތިބުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފެނެއެވެ. އަދި ރަށު ތެރޭގައި ތިބޭ އަންހެންވެރިން ވެސް އަސުރަށްފަހު ބަދިގެޔަށް ވަންނަންދެން ޤުރުއާން ކިޔެވުމަށް ގޭގާ އެކި ދިމަދިމާއިން ތިބުން ގިނައެވެ. އޭގެ އިތުރުން ތަރާވީޙު ކުރުމާއި މުޅި ރަށަށް އެ އަޑު ހުރުއާއި އެ ގަޑީގައި ރަށުތެރެ މަޑުމައިތިރިވުން ފާހަގަ ކުރެވެނީ ރޯދަ މަހުގެ މާތްކަން އިޙުސާސް ކުރެވޭ ކަމެއް މުހިންމު ކަމެއްގެ ގޮތުގައެވެ.
ރޯދަ ކުރު ކުރު ކުރުމުގައި މީހާއާއި އެހާރު ވަރަށް ތަފާތެވެ. އާންމު ގޮތެއްގައި ހުރިހާ ދިމާއަކުންވެސް އިވެނީ ރޭޑިއޯގެ އަޑެވެ. ކީރިތި ރަސޫލާގެ ސިޔަރަތުގެ އަޑަށް ފަހު ރޯދަކުރުކުރުން، އަދި ކުރު ވާހަކަ މުބާރާތްގެ އެންމެ ޕްރޮގްރާމެއްވެސް އަޑު ނާހައި ދޫނުކުރާނެއެވެ. އަސުރު ނަމާދަށް ފަހު ރޭޑިއޯ އަޑު އަޅަމުން އަށްހެންވެރިން ތިބޭނީ ރޯދަ ވީއްލުމަށް ކާބޯތަކެތި ތައްޔާރު ކުރުމަށް އަވަދިނެތިއެވެ. ރޯދަ ކުރު ކުރު ކުރުމަށް އާއިލާގެ ގޭގެޔަށް ޒިޔާރަތް ކުރުމާއި ރަށުގެ އެކި ތަންތަނަށް ހިގަން ދިޔުމަކީ ވަރަށް އާންމު ކަމެކެވެ.
އަދި މިހާރުވެސް ކުޅޭ ތާސްއައި ކެރަމް އަކީ އަސްރު ނަމާދާއި މަޣުރިބު ކައިރި ވަންދެން ވަރަށް ގިނަ ފިރިހެނުން ކުޅޭ ކުޅިވަރެކެވެ. މަދު ގެއެއްގައި ޓީވީ އެއް ހުންނަ އަދި އެއީ މޯބައިލް ފޯނާއި އެފަދަ އާލާތުގެ ޒަމާނެއް ނޫން ކަމުން މުނިފޫހި ފިލުވުމުގައި ކުރުމަށް އޮންނަނީ މަދު ކަމެކެވެ. ފޫހި ފިލުވާލުމާއި ވަގުތު ދުއްވާން ކޮންމެ އުމުރެއްގެ މީހަކުވެސް ކުރާނީ ގުދުރަތީ މާހައުލާ ގުޅުން ހުރި ކަމެކެވެ. ނުވަތަ އެއްޗެއް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އެހެން ނޫނީ ދާ ނުހިއްލާ ފަދަ ކުޅިވަރެއް ކުލެލުމެވެ. މިހާރުގެ ޙާލަތު މި ޒަމާނުގެ ކުދިންނަށް ކިޔައި ނުދިނަސް މާބޮޑަށްވެސް އެނގޭނެއެވެ. ބުނެލަން އޮތީ އެހާރާއި މިހާރު ހާހާއި ސުމެއްގެ ތަފާތެވެ.