ފަރެސްމާތޮޑާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޑު އެއް ޖަމާޢަތުގައި އެއްތަނަކަށް އެއްވެ ގިނައަދަދެއްގެ ރައްޔިތުން ޢީދު ނަމާދު ކޮށްފިއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ފަރެސްމާތޮޑާ ކައުންސިލުގެ ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ މާތޮޑާ އަވަށުގައި މިއަދު ކުރެވުނު އީދު ނަމާދަކީ ވަރަށް ތާރީޚީ ނަމާދެއް ކަމަށާއި މިއީ ވަރަށް ޒަމާނުއްސުރެ ދެކެން ބޭނުންވި އަދި ވަރަށް އުއްމީދުކުރެވުުނު ދުވަހެއް ކަމަށެވެ.
މިއަދުކުރެވުނު އީދު ނަމާދުގައި ގާތްގަޑަކަށް 200 މީހުން ވަނީ ބައިވެރިވެފައެވެ. އަދި އީދުނަމާދަށްފަހު ފަރެސްމާތޮޑާ ރައްޔިތުންގެ ފަރާތުން ދިން ސައެއް އޮތެވެ. ދެއަވަށް އެއްކޮށް އީދު ނަމާދުކުރުމަކީ ފަރެސްމާތޮޑާ ކައުންސިލުން އިސްނަގައިގެން ދެއަވަށުގެ ރައްޔިތުންނާއި ވާހަކަދެކެވިގެން ކުރިޔަށް ގެންދެވުނު ކަމެކެވެ.
އީދު ނަމާދު މިހާ ގިނަ ބަޔަކާއެކު އެންމެން އެއް ޖަމާއަތުގައި ކުރެވިގެން ދިޔަ ކަމީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި ކައުންސިލުން މިކަން މިގޮތަށް ކުރަން ނިންމުމާއެކު ރައްޔިތުންނާއި ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަން ފާހަގަކޮށް ފަރެސްމާތޮޑާ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
1900 މީހުންގެ އާބާދީއެއް އޮންނަ ފަރެސް އަދި މާތޮޑާއަކީ އެއް ފަޅެއްގެ ތެރޭގައި އޮތް ދެރަށެކެވެ. މިދެރަށް މީގެ ކުރިން އޮތީ ދެރަށެއްގެ ގޮތުގައެވެ. ނަމަވެސް މީގެ 22 އަހަރުކުރިން މިދެރަށް ވަނީ އެއްފަސްކޮށްފައެވެ. މިހާރު އެއީ އެއްރަށެއްގެ ދެއަވަށެވެ. މީގެ ކުރިން އެދެއަވަށުގައި އީދު ނަމާދު ކުރަމުން އަންނަނީ ވަކިވަކިންނެވެ. އެހެންނަމަވެސް މިއަހަރު ފިތުރު އީދު ނަމާދު ކުރެވިގެން ދިޔައީ މިދެއަވަށުގެ ރައްޔިތުން އެއްކޮށް އެއްފަސްގަނޑެއްގައި ބޮޑު ޖަމާއަތެއްގައެވެ.