ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލްގައި ރާއްޖެ ގަޑިން މިރޭ 20:45 ގައި ވާދަވެރި ލިވަޕޫލާއި ޗެލްސީ ވާދަކުރާއިރު، ވެމްބްލީގައި މިރޭ ކުޅޭ ފައިނަލަކީ އެއްގޮތަކަށް ވުރެ ގިނަ ގޮތް ގޮތުން ތާރީޚީ ފައިނަލެކެވެ. އަދި މި އަހަރަކީ އެފްއޭ ކަޕް ފުޓްބޯލަ މުބާރަތް ބައްވަންފެށި ފަހުން 150 އަހަރު ފުރޭ އަހަރަށް ވުމުގެ އިތުރުން މި މެޗަކީ މި ސީޒަނުގައި މި ދެޓީމު ވާދަކުރާ ހަތަރު ވަނަ ކުރިމަތިލުމެވެ. މި ދެޓީމު މި ސީޒަނުގައި ލީގުގައި ވާދަކުރި ދެ މެޗު އެއްވަރުވެގެން ނިމިފައިވާއިރު ލީގު ކަޕް ފައިނަލްގައި ލިވަޕޫލުން ޗެލްސީގެ މައްޗައް ކުރިހޯދީ، މެޗުގެ 90 މިނެޓް ހަމަވެ އިތުރުވަގުތުގެ ގޮތުގައި ކުޅެވުނު 30 މިނެޓްގައި ވެސް ދެ ޓީމުންކުރެ ޓީމަކަށް ނަތީއްޖާއެއް ނުނެރެވުމުން ޕެނަލްޓީ ޖަހައިގެ 1-0 ގެ ނަތީއްޖާއަކުންނެވެ.
އެފްއޭ ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން މިހާތަނައް 07 ފަހަރު ހޯދާފައިވާއިރު އެޓީމު މި މުބާރާތުގެ ފައިނަލުގައި އެންމެފަހުން ކުޅެފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ މެޗުގައި ޗެލްސީ އާއި ވާދަކޮށް 2-1 ލިވަޕޫލް ބަލިވިއިރު، މިއީ ފާއިރުވި 10 އަހަރުތެރޭ އިގިރޭސި އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އެޓީމުން ވާދަކުރާ ފުރަތަމަ ފަހަރެވެ. މި އަހަރުގައި މިހާތަނައް ލިވަޕޫލް އިން 31 މެޗު ކުޅުނުއިރު 23 މެޗުން މޮޅުވެ 07 މެޗު އެއްވަރުވެފައި ވާއިރު އެޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މުޅި ސީޒަންގައި ވެސް ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއި އެފްއޭ ކަޕާއި ، ޗެންޕިއަންސް ލީގުގެ ފައިނަލްގެ އިތުރުން ޕްރެމިއަރ ލީގު ތާވަލުގެ ދެވަނާގައި މިވަގުތު އެޓީމު އޮތީ މެންޗެސްޓަރ ސިޓީއައްވުރެ ތިން ޕޮއިން މަދުން ލިބިގެންނެވެ.
ޗެލްސީ އިން މިހާތަނައް އެފްއޭ ކަޕްގެ ޗެންޕިއަންކަން 08 ފަހަރު ހޯދާފައިވާއިރު 2021 އަހަރު އެފްއޭ ކަޕް ފައިނަލްގައި ލެސްޓާ ސިޓީއަތުން 1-0 އެޓީމުވަނީ ބަލިވެފައެވެ. މިސީޒަން ފެށުނުއިރު އެންމެ ފަހުގެ ޗެންޕިއަންސް ލީގު ޗެންޕިއަން، ޗެލްސީ ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. ނަތީއްޖާއެއްގެ ގޮތުން ޔުއެފާ ސުޕަކަޕް އަދި ކުލަބް ވޯލްޑްކަޕް އެޓީމުން ކާމިޔާބު ކުރިއެވެ. ނަމަވެސް ސީޒަން ދެބަވިއިރު ލީގުގެ ކުރީގައި އެޓީމަށް މެންޗެސްޓަރ ސިޓީ އަދި ލިވަޕޫލް އާއި އެއްހަމައެއްގައި ހިފަހައްޓައެއް ނުލެވުނެވެ. ޗެންޕިއަންސް ލީގުގައި ވާދަވެރި ކުޅުމަކައްފަހު ސެމީ ފައިނަލްގައި ރެއާލް މެޑްރިޑް އަތުން 5-4 ބަލިވިއިރު ލީގުގައި މިވަގުތު އެޓިމު އޮތީ 03 ވަނާގައެވެ.
ޗެލްސީ އަދި ލިވާޕޫލް މިދެ ޓީމުގައިވެސް މި ވަގުތު ތިބީ ޖަރުމަންވިލާތުގެ ތަޖުރިބާކާރު ދެކޯޗުންނެވެ. ޗެލްސީގެ ކޯޗް ޓުޗެލް އަދި ލިވަޕުލްގެ ކޯޗު ކްލޮޕް 19 ފަހަރެއްގެ މަތިން ވާދަކޮއްފައިވާއިރު ޓުޗެލް އަށް ކްލޮޕްގެ މައްޗަށް ކުރި ހޯދިފައިވަނީ 04 ފަހަރަށެވެ. ފަސް މެޗު އެއްވަރުވެފައިވާއިރު ކްލޮޕް ވަނީ 10 ފަހަރަށް ޓުޗެލްގެ މައްޗަށް ކުރި ހޯދާފައެވެ. މި ރޭގެ މެޗުގައި ކުރިހޯދަ ކޯޗެއް ވެގެންދާނީ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތާރީޚްގައި މި ޝަރަފުވެރި ތަށި ކާމިޔާބުކުރާ ޖަރުމަންވިލާތުގެ ފުރަތަމަ ކޯޗަށެވެ.

