ނަމާދުކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއް ކަމުގައި ނުދެކޭ ކަމަށާއި ސްކޫލްތެރޭގައި ނަމާދު ކުރުމަށް ބާރު އަޅުއްވާ ކަމަށް އެޑިއުކެޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދިވެހި ސަރުކާރުން ހިންގި ވޯކްޝޮޕެއްގައި ކިޔައި ދިން ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެއްވެސް ގޮތެއްގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ ކަމެއް ކަމަށް ނުބަލާ ކަމަށެވެ.
ޔޫތު މިނިސްޓްރީ އާއި ކައުންޓާ ޓެރަރިޒަމް ޔުނިޓް ގުޅިގެން ރ. އުނގޫފާރުގައި ސްކޫލު ޓީޗަރުންނަށް ހާއްސަކޮށް ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ވަނީ ސްކޫލު ގަޑީގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ.
ނަމާދުކުރުމަކީ އިސްލާމދީނުގެ ރުކުނެއް ކަމަށާއި ސްކޫލްތެރޭގައި އުޅޭއިރު ނަމާދު ކުރެވޭނެގޮތް ހަމަޖައްސައި ނަމާދު ކުރުމަށް ބާރުއަޅާކަމަށް މިނިސްޓަރުވަނީ ވިދާޅުވެފައެވެ. އަދި ސްކޫލުތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަށް ލޯބިކުރާ ހުނަރުވެރި ދަރިވަރުން އުފެއްދުމަކީ މައިގަނޑު އަސާސެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.