ގާޒީއަކު، އޭނާގެ އަނބިމީހާއަށް ނޭނގި ދެވަނަ ކައިވެންޏެއް ކުރެއްވިއެވެ. އަދި، ދެވަނަ އަނބިމީހާ ގާތަށް، ވަރަށް ސިއްރުން ގޮސް އުޅުއްވިއެވެ. ކުޑަ ދުވަސް ކޮޅެއް ފަހުން، ދޮށީ އަނތްބަށް ކޮންމެވެސް ކަމެއް ވާކަށް ރޭކާލައި، ފިރިކަލުން އިތުރު އަނތްބެއް ގެންގުޅޭ ކަމުވެ ޝައްކު އޭނާގެ ހިތު ތެރޭއުފެދުނެވެ.
ދެން، ފިރިކަލުންގެ އަރިހަށް ގޮސް، ފުރަތަމަ އަނބިމީހާ އޭނާގެ ހިތުގައި އޮތް ޝައްކުގެ ވާހަކަތައް ދެއްކިއެވެ. އެހެން އަނތްބެއް ގެންގުޅެނީ ކަމުގެ ތުހުމަތުކޮަށް އެވާހަތައް ކިޔައި ދިނެވެ. އެ ޝަކުވާތަކުގެ ޖަވާބުގައ ގާޒީ ވިދާޅުވިއެވެ. ތިޔައީ އަމިއްލަ ހިތުގެ ތެރޭގައި އުފެދިފައިވާ ވަސްވާސްތަކެކެވެ. ތިކަމުގެ އެއްވެސް ހެއްކެއް އަޅެ ދައްކަބަލާށެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. ފުރަތަމަ އަނބިމީހާގެ ހިތުގެ ޝައްކުތައް ފިލައިގެންދާ ގޮތެއް ނުވެއެވެ. އަދި ދޭތެރެ ދޭތެރެއިން މި ޝަކުވާތައް ފިރިކަލުންގެ އަރިހުގައި ކުރެއެވެ. ގާޒީވެސް މިކަމާ ފިކުރުކުރެއްވިއެވެ. އަދި، ކޮންމެވެސް ގޮތަކުން މައްސަލައަށް ހައްލެއް ގެންނެވުމަށް ނިންމެވިއެވެ.
އެ ގޮތުން، ދެވަނަ އަނބި ކައިރިއަށް ވަޑައިގެން ގާޒީ ވިދާޅުވިއެވެ.
“ދޮށީ އަނބީގެ އުނދަގޫ ވަރަށް ބޮޑުވެއްޖެއެވެ. އެހެންވެ، ޔަހޫއްޖެއް ހަދާލަން ނިންމައިފީމެވެ. މާދަމާ އަސުރުފަހުން އަހަރެންގެ ގެއަށް އައިސް އަހަންނާ ބައްދަލުކުރަން އަހަރެންގެ ދޮށީ އަނބިކުރެން އެދޭށެވެ. ދެން، އަހަންނާ ބައްދަލުވުމުން، މިހެން ބުނާށެވެ: ތިމަންނާއަށް ހީވަނީ ތިމަންނަގެ ފިރިމީހާ އެހެން މީހަކާ އިނދެފި ހެންނެވެ. ނަމަވެސް، އެކަން ސާބިތުކޮށްދޭން އަހަރެން ދައްކާނޭ ހެއްކެއް ނެތެވެ.”
ދެން، ގާޒީ ވިދާޅުވި ފަދައިން، އަނެއް ދުވަހު ހަނގު އަނބި ގާޒީގެ ގެއަށް ގޮސް، ގާޒީއާ ބައްދަލުކުރަން، ދޮށީ އަނބި ކުރެން އެދުނެވެ. ދެން، ގާޒީ ނިކުމެވަޑައިގަތުމުން، ކުރީދުވަހު ދެއްވި އިރުޝާދުގެ މަތިން ދޮށީ އަނބި ގާޒީއަށް ދެންނެވިއެވެ.
“މާތް ގާޒީ މަނިކުފާނެވެ! މިދުވަސްކޮޅު އަޅުގަނޑުގެ ހިތަށް ހަމަ އަރަނީ އަޅުގަނޑުގެ ފިރިމީހާ އެހެން މީހަކާ އިނދެފިކަމެވެ. ނަމަވެސް، މިކަން ސާބިތުކޮށްދޭނޭ އެއްވެސް ހެއްކެއް އަޅުގަނޑު އަތަކު ނެތެވެ.”
ދެން ގާޒީ ވިދާޅުވިއެވެ. “ތިޔައީ މުޅިން ކުށް ހީއެކެވެ. ޝައިތާނީ ވަސްވާހެކެވެ. ތިކަހަލަ ހީއެއް އަހަރެންގެ މި ހުރި އަންހެނުން ވެސް ހަމަ ތިކަހަލަ ހީއެއް ކުރެއެވެ. ނަމަވެސް އަހަރެން މާތްﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މި ގެއިން ބޭރުގައި އަހަރެން އިތުރު އެއްވެސް އަނތްބަކު ހުރި ނަމަ، އެ މީހަކު އަހަރެން ވަރިކޮށްފީމެވެ. އަދި، އަހަރެންގެ މައްޗަށް އެމީހާ ހަރާންވެގެން ވެއެވެ.”
މިހިސާބަށް ގާޒީގެ ވާހަކަފުޅު ދިޔުމުން، ދޮށީ އަނބި ދެރަވެ ރޮވިއްޖެއެވެ. ފިރިކަލުންގެ މައްޗަށް ދޮގު ހީއެއް ކުރެވެއްޖެ ކަމުގެ އިހުސާސު ހިތަށް ކުރެވުމުންނެވެ. ދެން، ދޮށީ އަނބި ގާޒީ އަރިހަށް ގޮސް ގާޒީގެ އަތްޕުޅުގައި ބޮސްދިނުމަށް ފަހު، ދެން ދުވަހަކު ވެސް އެކަހަލަ ޝައްކެއް ނުކުރާނޭ ވާހަކަ ގާޒީއަށް ދެންނެވިއެވެ!

