ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު ހިމެނޭހެން 3 ކޯޓަކަށް ފަނޑިޔާރުން ޢައްޔަން ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ 10 މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން ހޯދުމަށް އެކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަޤާމުތަކަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއުގައި ޤާބިލުކަމަށް ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އަރުވާފައިވާ 03 ކެނޑިޑޭޓުން، 03 މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް ޢައްޔަންކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި، ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރުކަމާށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޤާބިލު ބޭފުޅުން ޢައްޔަންކުރުމަށް 2022 ޖޫން 05 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަނުގެ މި އަހަރުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވާ ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 01 ވަނަ ދުވަހު ކަމަށްވެސް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.
ޤާބިލްކަމަށް ޖޭއެސްސީގެ ކޮމިޓީން ލަފާއަރުވާފައިވަނީ
- އަލްއުސްތާޛާ ނަޝާޠަތު ޒައީމާ – ކޯރަލް، ގދ.ތިނަދޫ (ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް)
- އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް – ކުރި، ތ.ގުރައިދޫ (ތ.ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް)
- އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރު – ހިޔާ، ހދ.ނޮޅިވަރަން (ހދ.ނޮޅިވަރަން މެޖިސްޓްރޭޓް ކޯޓަށް)
އަލްއުސްތާޛާ ނަޝާޠަތު ޒައީމް އަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާޞިލްކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕޮރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނާރސް އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުން، އަލްއުސްތާޛާ ޢާއިޝަތު އިބްރާހީމް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 4 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގައި 3 އަހަރު ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.
އަލްއުސްތާޛު ލިއުޝާދު ޢަބްދުއްސައްތާރު ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައެވެ. އަދި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާރމެއްފައި 02 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް މަސައްކަތް ކުރައްވާއެވެ.

