ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަރނެޓްގެ ޚިދުމަތް ގއ.ދެއްވަދޫއަށް ތައާރަފް ކޮށްފިއެވެ.
މިޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައިވަނީ ހާއްސަ އޮފާ ތަކާއެކުގައެވެ. އެގޮތުން ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބަރ ގުޅައިދެވޭނެއެވެ. އަދިހަމައެއާއެކު ފައިބަރ ކަނނެކްޝަން ގުޅަން ބޭނުންވާ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސް ހިލޭ ލިބިގެންދާނެއެވެ.
މީގެއިތުރުން ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމުގެ ފުރުސަތުވެސް މިވަނީ ހުޅުވާލެވިފައެވެ. މި އޮފަރ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މިހާރު ވަނީ ރާއްޖޭގެ ގޭބިސީގެ 85 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައެވެ. އެގޮތުން 99 ރަށަކަށް މިހާރު ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުުމަތް ވަނީ ފޯރުކޮށްދީފައެވެ.
ދިރާގުން ބުނާގޮތުގައި އެކުންފުނީގެ މަޤްސަދަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް މަސައްކަތް ކުރުމުވެ.