ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވައިދާއި ޚިލާފަށް މަސްވެރިކަން ކުރަމުން ގެންދިޔަ 3 ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނާގޮތުގައި ޤަވައިދާއި ޚިލާފަށް ރާއްޖޭގެ ކަނޑޫގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަނެވުނީ ސްރީލަންކާގެ 3 ބޯޓެކެވެ.
މިބޯޓާއިބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޯޓުތައް ދޭތެރެ ދޭތެރެއިން ފެންނައިރު މިފަދަ ބޯޓުތައް އަތުލައިގަތުމުގައި ރާއްޖޭގެ މަސްވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެއެވެ.
އެމްއެންޑީއެފުން ވަނީ ރާއްޖޭގެ ހިވާގި މަސްވެރިންގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަކޮށް ޝުކުރު އަދާކޮށްފައެވެ.