އެސް ޕްރޮޑަކްޝަންސް އާއި ސެޓަރން ސްޓޫޑިޔޯ ގުޅިގެން އުފައްދާފައިވާ ދިވެހި ފިލްމް ”ލޯބިވެވިއްޖެ” ގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފިއެވެ.
މިފިލްމްގެ އޮފިޝަލް ޕޯސްޓަރ އަދި ފިލްމްގެ ޓްރެއިލަރ ލޯންޗް ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ހަވީރުސޮލައިޓް ރެސްޓޯރަންޓްގައި ބޭއްވި ޙާއްސަ އިވެންޓެއްގައި އެސްޓީއޯ ގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ޢަމްރުއެވެ.

ލޯބިވެވިއްޖެ ފިލްމްގެ އޮފިޝަލް ޕޯސްޓަރ އަދި ޓްރެއިލަރ ލޯންޗް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
މީގެ އިތުރުން މި އެވެންޓްގައި ވަނީ ފިލްމް ރިލީޒް ކުރާ ތާރީޚް ވެސް ރަސްމީކޮށް އިޢުލާން ކޮށްފައެވެ. އެގޮތުން މި ފިލްމް ބެލުންތެރިންނާއި ހަމަޔަށް ގެނެސް ދިނުމަށް ނިންމާފައިވަނީ މި އަހަރު މެއި މަހުގެ 3 ވަނަ ދުވަހުއެވެ. އެހެންކަމުން މި ފިލްމަކީ 3 އަހަރުގެ މެދު ކެނޑުމަކަށްފަހު މި އަހަރުގައި އޮލިމްޕަހުގައި ދެވަނަ އަށް އަޅުވާނެ ފިލްމެވެ.
މި އިވެންޓްގައި ފިލްމުގެ ލީޑު ކާސްޓުންނާއި ފިލްމްގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ފަރާތްތަކުގެ އިތުރުން ފިލްމީދާއިރާގެ ބައެއް ފަރާތްތައް ބައިވެރިވެފައިވެއެވެ.

ލޯބިވެވިއްޖެ ފިލްމްގެ އޮފިޝަލް ޕޯސްޓަރ
ދިވެހި ފިލްމް ލޯބިވެވިއްޖެ އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާ ގައެވެ. މީގެ އިތުރުން މި ފިލްމުގެ ބައެއް ވީޑިއޯ ލަވަތަކުގެ މަންޒަރު ގދ.މަޑަވެލި އަދި ހޯނޑެއްދޫގައި ވެސް ވަނީ ނަގާފައެވެ.

ލޯބިވެވިއްޖެގެ ޓްރެއިލާގެ މަންޒަރެއް
މި ފިލްމަކީ ގދ.ތިނަދޫ ޝޫޓްކުރި ދެވަނަ ފިލްމެވެ. އެންމެ ފުރަތަމަ ތިނަދޫގައި ޝޫޓްކޮށްފައިވަނީ “ފަތިސްހަނދުވަރު”އެވެ. “ލޯބިވެވިއްޖެ” ގެ މިފިލްމުގައި ތިނަދޫ އަށް ނިސްބަތްވާ ގިނަ މޫނުތަކެއް ފެނިގެންދާނެއެވެ. މީގެ އިތުރުން ތިނަދޫގެ ފޮޑާހާޑާ ޕޮޑަކްޝަން އާއި ސްޓޫޑިއޯ 33 ގެ ވަރަށް ބޮޑު ރޯލެއް މިފިލްމުން ފެނިގެންދާނެއެވެ.

ލޯބިވެވިއްޖެ ފިލްމްގެ މަންޒަރެއް
ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުއެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ)އެވެ. އަދި ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަންއެވެ. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިނެވެ.

ލޯބިވެވިއްޖެ ގެ މަންޒަރެއް
މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް މެދުވެރިކޮށް ްއާންމުންނާއި ހަމަޔަށް ގެނެސްދީފައެވެ.
ދިވެހި ފިލްމް ލޯބިވެވިއްޖެގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާއެވެ.

