ކޮންމެ ދަރިވަރަކަށްވެސް މެންޓަލް ހެލްތް އަދި ސައިކޯ ޗޯޝަލް އެހީ ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ޔުނިސެފް އާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގައި ހޮޓްލައިންއެއް ގާއިމްކޮށްފިއެވެ. މި ހޮޓްލައިން، 1484 ލޯންޗްކޮށް ދެއްވާފައިވަނީ ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ނަފްސާނީ އެހީތެރިކަން ދިނުމަށް ފޯން ކޯލުތަކަށް ޖަވާބުދޭން ތިބޭނީ އެކަމަށް އެ އިދާރާއިން ތަމްރީން ކޮށްފައިވާ ފަރާތްތަކެކެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި، ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ރޭގަނޑު 9:00 ޖަހަންދެން ހިދުމަތް ލިބޭނެއެވެ. އެ ނަމްބަރު ބޭނުންކުރާނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށް ކަމަށާއި އިމަޖެންސީ ހާލަތްތަކުގައި ބޭނުމެއް ނުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އަދި ސްކޫލު ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދަރިވަރުން ދެނެގަތުމާއި އެހީތެރިކަން ލިބޭނެ ގޮތް ކަށަވަރުކޮށް ކްލިނިކަލް އިންވެންޝަން ބޭނުންވާ ދަރިވަރުންގެ އަދަދު މަދުކޮށް އަދި އަވަސް އިންޓަވެންޝަނަކަށް މަގުފަހިކޮށްދިނުމަކީ މި ހޮޓްލައިންގެ އެއް ބޭނުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.