އިންޑިއާ ކަނޑުގެ އެންމެ އަޑީގައިވާ މާސިންގާ ގްރެވިޓީ ހޯލް އެއް ސައިންސްވެރީން ވަނީ ހޯދާފައެވެ. އެއް މިލިއަން އަކަމޭލަށްވުރެ ބޮޑު ސަރަޙައްދެއްގައި އުފެދިފައިވާ މި އަޑިގަނޑުގެ ސަބަބުން އެތައް ދިހަދިހަ އަހަރަކަށް ސައިންސްވެރީން ވަނީ އަންތަރީސް ކުރުވާފައެވެ.
“ގްރެވިޓީ ހޯލް” ގެ ނަން ދެވިފައި ވީނަމަވެސް މިއީ ޙަޤީޤަތުގައި ބިމުގައި އުފެދިފައިވާ ލޯވަޅެއް ނޫނެވެ. މިއީ ބިމުގެ އެންމެ މަތީ ފަށަލަ ކަމުގައިވާ ކްރަސްޓްގައި އުފެދިފައިވާ ފުން ވަޅުގަނޑެކެވެ. އެތަނަށް އެފަދަ ޚާއްޞަ ނަމެއް ދެވިފައި ވަނީ އެތަނުގެ ޚާއްޞަކަން އިތުރު ކުރުމަށްޓަކައެވެ. އެއީ އެސަރަޙައްދުގެ ފުންމިން ބިމުގައި ހުންނަ އަޑިގުޑަންތަކުގެ އެވްރެޖް ފުންމިނަށްވުރެ މާބޮޑަށް ވެސް ފުން ވީމައެވެ.

ގްރެވިޓީ ހޯލް އުފެދެނީ ބިމުގެ ޖާޒުބިއްޔަތު ތަފާތު ވުމުން ކަމަށް ބެލެވޭ
ބިމުގައިވާ ޖާޒުބިއްޔަތުގެ ސަބަބުން ބިންގަނޑަށް އަންނަ ބަދަލުތަކާއި އަޅައިވެސް ނުކިޔޭފަދަ، ހަމަބުއްދިއަށް މިކަން ވިސްނައި ގަންނަންވެސް އުނދަގޫވާފަދަ، މިބޮޑު އަޑިގަނޑު އުފެދުނީ ކިހިނެއްކަން މިހާރު ސައިންސުވެރިންނަށް ހޯދިއްޖެ ކަހަލައެވެ.
އަހަރެމެންގެ ދުނިޔެ އަކީ ފުރިހަމަ ވަށް ބޯޅައެއްހެން އުފެދިފައިވާ އެއްޗަކަށް ނުވާތީ، އޭގެ އެންމެ ދެކޮޅު، ނުވަތަ ދެ ޕޯލް އޮންނަނީ ފަތިކޮށެވެ. އަދި އެތަނުން އީކުއޭޓަރ އާއި ދިމާއަށް ދާން އުފުލިފައިވާ ރޮނގުތަކެއް ހުރެއެވެ. އަދި މިތަންތަނުގެ ޖާޒުބީ ދެމުން އެކިއިރު އެކި ސަރަޙައްދަށް އެކިވަރު ވަމުން ދެއެވެ.
ޖާޒުބިއްޔަތުގެ މި ތަފާތުވުމުގެ ސަބަބުން އުފެދޭ އަޑިގުޑަންތައް ވަރަށް ފާޅުކޮށް ދައްކުވައިދޭ ބޯޅައެއް ޒާތުގެ އެއްޗެއް ސައިންސްވެރިން ވަނީ ހަދާފައެވެ.
ބެންގަލޯރުގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސްގައި މިކަމާއި ގުޅޭގޮތުން އެންމެ ފަހުން ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުން “އިންޑީއަން އޯޝަން ޖީއޮއިޑް ލޯވް” (އައި.އޯ.ޖީ.އެލް.) ގެ ނަން ދީފައިވާ އެވަޅުގަނޑާއި ދިމާއިން އިންޑިއާކަނޑު އޮތީ ދުނިޔޭގެ ކަނޑުތަކުގެ އެވްރެޖު މިންގަނޑަށްވުރެ 350 ފޫޓު އަޑީގައެވެ.
މިފަހަރުގެ ހޯދުންތަކުން ސައިންސްވެރިންނަށް މިހާރު ޤަބޫލު ކުރެވިފައި ވަނީ އައި.އޯ.ޖީ.އެލް. އުފެދިފައި ވަނީ، “އެފްރިކަން ބްލޮބް” ގެ ނަމުން ނަންދެވިފައިވާ، އެފްރިކާގެ “އުސްގަނޑު”ގެ ސަބަބުން ކަމަށެވެ.
އެހެނަސް މިޤަބޫލު ކުރުމާއި މެދު ބައެއް ސައިންސްވެރިންގެ ޚިޔާލު އަދި ވަނީ ތަފާތުވެފައެވެ. އައި.އޯ.ޖީ.އެލް. ފުރަތަމަ ހޯދިފައި ވަނީ، 1948 ގައެވެ.

