ޢާޝޫރާ ދުވަހުގެ މާތް ކަމަށް އަލިއަޅުވާލައި މިއަދު ދިން ޚުތުބާގައި ބުނެފައިވާ ގޮތުން ޢާޝޫރާ ދުވަހަކީ، މުހައްރަމް މަހުގެ ދިހަވަނަ ދުވަސް ކަމަށާއި، އެ ދުވަހަކީ ހެޔޮކަމާއި، ޛިކްރާތަކާއި، ފިލާވަޅުތަކުން ފުރިފައިވާ ދުވަހެއްކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި ޢާޝޫރާ ދުވަހަކީ އިސްލާމީ ޠާރީޙުގައި އެތަކެއް ގިނަ ގުނަ ޙާދިސާތަކެއް ހިނގާފައިވާ ދުވަހެއްކަން މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން، ތަފްސީރު ފޮތްތަކުގައި ބަޔާންކޮށްފައިވާ ގޮތުން، އާދަމްގެފާނުގެ ތައުބާ މާތް ﷲ ގަބޫލުފުޅު ކުރެއްވީ އާޝޫރާ ދުވަހުއެވެ. އަދި ނޫޙުގެފާނާއި އެކަލޭގެފާނަށް އީމާންވީ މީހުން ޠޫފާނުން ސަލާމަތްކުރެއްވީވެސް ޢާޝޫރާ ދުވަހުއެވެ. މީގެ އިތުރުން، އިބްރާހިމްގެފާނު އަންދާލުމަށް، ލަޢުނަތްލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހިމްގެފާނު ސަލާމަތްކުރެއްވީ ޢާޝޫރާ ދުވަހުއެވެ.
މިފަދަ ޙާދިޘާ ތަކުގައި ގިނަގުނަވެގެންވާ ޢިބުރަތްތަކާއި ދަރުސްތައް ވެއެވެ. އެގޮތުން މި ޙާދިޘާތަކުން ލިއްބައިދޭ މުހިންމު ފިލާވަޅުތަކަކީ، އެކަނލާންގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާންގެ ނަބިއްޔުންނާއި، ރަސޫލުން، ބޮޑެތި މޫޞީބާތްތަކުންނާއި ބަލާތަކުން ސަލާމަތްކުރައްވާ ގޮތް އެންގީ، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އަދި މުޞީބާތްތަކުން ދިންނަވާނީ އީމާންކަމާއި އިސްލާމްކަމުން ކަމަށާއި، މުސްލިމުންގެ މައްޗަށް ހާއްސަކޮށްފައިވާ ދުވަސްތަކުގެ މަތިން ހަނދުމަކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބްއެއް ކަމަށާއި، އަދި އެއީ މާތްﷲ ޞުބުޙާނަޙޫ ވަޠައާލާގެ ނިޢުމަތްތައް ހަނދުމަކުރުން ކަމަށެވެ.
މީގެ އިތުރުން ފިރުއަޢުނު ޢަރަޤުކުރެއްވި ހާދިޘާއިން އެނގެނީ، މާތްﷲ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުލޭ މީހުންނަށް، ގަދަފަދަ އަޛާބުން އަޛާބު ދެއްވައި، ނެތިކުރައްވާނެކަން ކަމަށާއި، އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނޭ ކަންކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
މިގެ އިތުރުން އަހަރެެމެން ފަސާދަޔާ ދެކޮޅަށް ތެދުވަންޖެހޭ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މާތްﷲ އަށް އީމާންވާ މީހުންނަށް އާޚިރުގައި އެކަލާންގެ ކާމިޔާބު ދެއްވައި، އެމީހުންނަށް ދުނިޔޭގައިވެސް ޢިއްޒަތާއި ޝަރަފާއި ޤަދަރުދެއްވާނެ ކަންކަމަށް ޚުތުބާގައި ވެއެވެ.
އަދި މާތްﷲއަށް ބިރުވެތިވެ ތަގުވާވެރިވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ. އަދި މީހެ އިތުރުން އާޗުރާ ދުވަހު ރޯދަ ހިފުމަށް ޚުތުބާގައި ބާރުއަލާފައިވެއެވެ. އެގޮތުން އެ ދުވަހުގެ ރޯދައަކީ، ވޭތުވެދިޔަ އަހަރުގެ ކުށްފާފަތައް، މާތްﷲ ފުއްސަވައި ދެއްވާނެ ޢަމަލެއްކަމުގައި އަހަރެމެންގެ މާތް ނަބިއްޔާ މުހައްމަދު ޞައްލަﷲ އަލައިހިވަސައްލަމް ހަދީޡް ކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

