ކުޑަ ކުދިންނަށް އަނިޔާ ކުރުމުގެ 104 މައްސަލަ މިދިޔަ ޖޫން މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށް އެ މިނިސްޓްރީގެ ތަފާތު ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާގޮތުން، ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި އަދި އެ މިނިސްޓްރީން ބެލި މައްސަލަތަކުގެ އަދަދު 228 އަށް އަރަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ 104 މައްސަލައެއް ހިމެނެ އެވެ.
އޭގެ ތެރޭގައި، 47 އަންހެން ކުދިންނާއި، 57 ފިރިހެން ކުދިން އެކި ކަހަލަ އަނިޔާތަކުގެ ޝިކާރައަކަށް ވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭއިރު، އޭގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަޅާނުލުމުގެ މައްސަލައެވެ.
ޖެންޑާ މިނިސްޓްރީން ވަނީ އައިލީ މައްސަލަތަކުގެ 39 މައްސަލައަކާއި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ޖުމުލަ 17 މައްސަލައެއް ވެސް ބަލާފަ އެވެ. މިވަގުތު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި 180 ކުދިން ތިބަ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ޖިންސީ އަދި ގެވެށި އަނިޔާގެ 38 މައްސަލައެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ބިރުދެއްކުމުގެ ތިން މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 19 މައްސަލައެއްގެ އިތުރުން ނަފްސާނީ އަނިޔާގެ 15 މައްސަލައަކާއި ރޭޕްގެ އެއް މައްސަލަ ހިމެނެ އެވެ.

