އަންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮއިކޮޓު ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދުނު ނަމަވެސް، އެކަން އެފަދައިން ނުކުރުމަށް އެ ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުން ބަލައިނުގަންނަވާ ކަމަށް އެމަނިކުފާނު އަންގަވައިފި އެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބަލަން ވޯޓަށް އަހަން ޖެހުނީ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ހުކުމް ކުރުމާ ގުޅިގެން، އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕަށް ޔާމީން ހަވާލުކުރެއްވި ނޯޓިސްގައި ވަނީ އެ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
އެކަމާއި ގުޅިގެން ސެނެޓްގައި ފުރަތަމަ ވޯޓްއަށް އެހި ނަމަވެސް، އެ ބައްދަލުވުމުގައި ތިބި ބައެއް ބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ނިންމަވަން ބޭނުންފުޅު ވުމުން މެންބަރުންގެ މެދުގައި ވަނީ ހަމަނުޖެހުން އުފެދި ފުލުހުންވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެންބަރުން ބައިވެރިވެވަޑައިގެންނެވި އިރު، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. އަދި ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެމްބަރުންނެވެ.
މެންބަރުންގެ އަގުލަބިއްޔަތުން އެފަދައިން ނިންމެވި ނަމަވެސް ސެނެޓުގެ ނިންމުން ބަލައިނުގަންނަވާކަން، ޔާމީން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޮނުއްވި ނޯޓިސްއެއްގައި ވިދާޅުވެފައިވާކަން އެނގިފައި ވެއެވެ.
އިންތިހާބު ބޮއިކޮޓް ކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެ މަނިކުފާނަށް ފުރުސަތު ގެއްލޭ ހާލަތުގައި ޕީޕީއެމް/ޕީއެންސީން ނެރޭނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ސެނެޓުން އޮތީ ފާސްކޮށްފަ އެވެ. މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑިއަކީ މާދަމާގެ މެންދުރު 2 ޖަހާއިރެވެ.