ރޭ އާންމު ކުރި އެމްޑީޕީގެ މެނިފެސްޓޯގައި އިގްތިސާދީ ބައިގައި އާސަންދައިގެ ދަށަށް ހާއްސަ އެއާ އެމްބިއުލާންސެއް ހަމަޖައްސާ އަދި ފަތުރުވެރިކަމުން ރާއްޖެއަށް ވަންނަ ފައިސާ ބޭރަށް ދިޔުން ހުއްޓުވަން ފިޔަވަޅު އެޅުމަށް ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ދައުލަތުން ދޭ ސަބްސިޑީތައް ހަރުދަނާކޮށް، ހައްގުވެރި ފަރާތްތަކަށް ދެވޭ އެހީއެއްކަން ކަށަވަރުކުރެވޭގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރަން ވެސް ވަނީ ހިމަނާފައެވެެ.
ދުނިޔޭގެ މާކެޓަށް ދިމާވާ އިގުތިސާދީ ހީނަރުކަމުން ސަލާމާތްވާން މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލުގެނެސް ސޭފްޓީ ނެޓެއް ގާއިމުކުރުމާއިއެކު ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު ކުޑަކޮށް އަދި ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80 ޕަސެންޓަށް ކުޑަ ކުރަން ވަނީ ހިމަނާފައެވެ.
ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ މިންވަރު މަދުކުރަން ވެސް ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ރާއްޖޭގެ އިގުތިސާދު ޑީޑޮލަރައިޒްކޮށް، ވިޔަފާރީގެގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެގައުމެއްގެ ފައިސާއިން ކުރާގޮތަށް ހަމަޖައްސާނެކަމަށެވެ.
ދައުލަތުގެ ދަރަނީގެ ސްޓޮކްގެ ރިސްކް ކުޑަކުރުމުގެ ގޮތުން އެވްރެޖް މެޗުރިޓީ މިހާރަށް ވުރެ އިތުރުކޮށް، ހެޔޮ އަގުގައި ދައުލަތުގެ ދަރަނި ފައިނޭންސްކުރާނެ ކަމަށްވެސް ވަނީ ހިމަނާފައެވެ.