އައްޑޫ ސިޓީ ބިންހިއްކުމުގެ މަޝްރޫޢު އެމްޓީސީސީ އިން ނިންމާލައިފިއެވެ.
މި މަޝްރޫޢާއެކު ފަތުރުވެރިކަމާއި އިޤްތިޞާދީ ބިޔަ ހަރަކާތްތަކަށް މުޅި އައްޑޫ ސިޓީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެދެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. ހަމައެހެންމެ މިއީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހެޔޮބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.
މިއީ ޖުމްލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫޢެކެވެ. އަދި އައްޑޫ ސިޓީގައި މިހާރު ފަތުރުވެރިކަމަށް ޕްރޮޖެކްޓްކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ނިމޭއިރު ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޕަރޭޓްވެގެންދާނެކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ 3 ރަށަށް، ރަށަކަށް 8.3 ހެކްޓަރުގެ މަގުން 25 ހެކްޓަރުގެ ބިން އަދި ހަންކެޑެގައި 4.72 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. މި ރަށްތައް ބީލަމަށް ހުޅުވާލަން ބޭނުންވާތީ، އައްޑޫ ސިޓީ ކައުންސިލުން މިހާރު ވަނީ މި ރަށްތަކަށް ކިޔާނެ ނަންތައްވެސް ފާސްކޮށްފައެވެ.
އެގޮތުން ހިތަދޫ ފަޅުން ހިއްކާފައިވާ “އައިލެންޑް 1” ދީފައިވަނީ “ދޮންދީނިހެރަ” އެވެ. އަދި ހަމަ އެ ސަރަޙައްދުން ހިއްކި “އައިލެންޑް 2” އަށް ދީފައިވަނީ “ބޮލިހެރަ” މިނަމެވެ. މީދޫއާ އިންވެގެން އޮންނަ ފަޅުން ހިއްކާފައިވާ “އައިލެންޑް 3” ދިން ނަމަކީ “ދޮންހެރާ” އެވެ. މި ނަންތައް ކައުންސިލުން ފާސްކޮށްފައިވަނީ ކައުންސިލުގެ ޖަލްސާގައި ބައިވެރިވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން 1.6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން 228 ހެކްޓަރުގެ ބިން އައްޑޫ ސިޓީއަށް މިވަނީ އިތުރުކުރެވިފައެވެ. މިއީ އައްޑޫގެ ތާރީޚުގައިވެސް ހިންގޭ ބިމުގެ އެންމެ ބިޔަ ބޮޑު މަޝްރޫޢެވެ.