ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ހުކުރު ޚުތުބާ ކިޔނީ ދިވެހި ބަހުން ކަމަށާއި، އެހެންނަމަވެސް ހުތުބާގެ އިނގިރޭސި ސަބްޓައިޓަލް ޓީވީއަށް އަރާނެ ގޮތަށް ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވެއްޖެއެވެ.
މިގޮތަށް ނިންމާފައިވަނީ މިނިސްޓްރީގެ ސީނިއަރމެނޭޖްމަންޓް ބައްދަލުވުމުގައި ޚުޠުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހުއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުން ކަމަށާއި ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދާނެކަމަށެވެ. އަދި ލައިވްކޮށް އިނގިރޭސިން ސަބްޓައިޓަލް އަރާ ގޮތައް ހަދައި އިޝާރާތުގެ ބަހުން ވެސް ޚުޠުބާ ލައިވްކޮށް ގެނެސްދެވޭތޯ ބަލާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެެރިން އިޖްތިމާޢީ މަކާރިމުލްއަޚުލާޤަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވަރަށް އަވަހަށް ފަށާނެކަމަށް އިސްލާމިކު މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި ޚުޠުބާތައް ގެންދާނީ ދިވެހި ބަހުން. ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހަދާނެ. އަދި ލައިވްކޮށް އިނގިރޭސިން ސަބްޓައިޓަލް އަރާ ގޮތައް ހަދާނެ. އިންޝާ ﷲ. އިޝާރާތުގެ ބަހުން ވެސް ޚުޠުބާ ލައިވްކޮށް ގެނެސްދެވޭތޯ ބަލާނެ އިންޝާ ﷲ. އަދި ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެެރިން އިޖްތިމާޢީ މަކާރިމުލްއަޚުލާޤަށް ހޭލުންތެރިކަން އިތުރުކުރުމަށް އެޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ތައް ފަށާނެ- ޑރ ޝަހީމް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެންމެ ހިންގުންތެރި އެއް މިނިސްޓްރީގެ ގޮތުގައި އިސްލާމިކް މިނިސްޓްރީ ވާކަން ޝޯޝަލް މީޑިޔާގައި ގިނަ ބޭފުޅުން ފާޅުކުރަމުންދެއެވެ.