އިސްލާމިކް މިނިސްޓްރީގެ ދީނީ ޗެނަލް ”ނޫރު ޓީވީ“މިހިނގާ ޖެނުއަރީ މަހުގައި ފަށާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ނޫރު ޓީވީ އަކީ ދީނީ މަޢުލޫމާތު ފަތުރާ، ދީނީ ކަންކަމަށް ހޭލުންތެރިކަން އުފެއްދުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާ ޓީވީ ޗެނެލެކެވެ.
ދީނީ ޗެނަލެއް އުފައްދަން އުޅޭކަން އިއުލާން ކުރުމަށްފަހު އެ ޗެނަލަށް ކިޔާ ނަމެއް ހޯދަން ދާދިފަހުން އިސްލާމިކް މިނިސްޓަރ ވަނީ އާންމުންގެ ޚިޔާލަށް ހުޅުވާލާފައެވެ.
އެއަށްފަހު މިނިސްޓަރ ޝަހީމް ވަަނީ ދީނީ ޗެނަލަށް ކިޔާ ނަން ހާމަކޮށްފައެވެ. އަދި މި ޗެނެލް މި މަހުގެ 25 ގައި ލޯންޗް ކުރާނެ ކަމަށް އެ ވުޒާރާއިން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން މި އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާއިރު، މިމަހު 2 ގައި ވަނީ ޒަކާތު ހައުސް އިފްތިތާޙު ކޮށްފައެވެ. އަދި ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި އިސްލާމީ ދަޢުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން އިފްތިތާޙު ކުރުމާއި، އަތޮޅު ވަޤްފު މަޝްރޫޢު އިޢުލާންކުރުމާއި، ސަޢުދީ ޢަރަބިއްޔާއާ އެކު ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ އެއްބަސްވުމުގައި ސޮއިކުރުން ހިމެނެއެވެ.