ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަރަހައްދު ހޯދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ތޯރިގް މިގޮތަށް ވިދާޅުވީ، މަސްވެރިންނަށް އަމާޒުކޮށްގެން ގދ. މަޑަވެލީގައި އިއްޔެ ބޭއްވި ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އެހެން ގައުމުގެ މަސް ބޯޓުތައް ވަދެ ދާ ޖަހައިގެން މަސް ހިފަމުންދާ ކަމަށާއި ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅެއް ކަމަށެވެ.
ތޯރިގްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލިފައިވާކަން ތަކުރާރުކުރައްވާފައެވެ. އަދި އެތަނަކީ މީގެކުރިން މަސްވެރިން މަސްވެރިކަން ކުރަން ގޮސް އުޅުނު ސަރަހައްދެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ދިރާސާއެއް ހެދުމަށް ކުރީގެ ސަރުކާރުން ބޭރުގެ ބަޔަކާއެކު މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ތޯރިގު ވިދާޅުވި އެވެ.
ކަނޑުން ގެއްލުނު ސަރަހައްދު ހޯދައިދެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒް ގެ ހަފްތާ14 ގެ ތެރޭގައި ވެސް ހިމެނިފައިވާ ކަމެކެވެ.

